އެސްޓްރޮއިޑް 2016 ވީ.އޭ ގެ ނަންދެވިފައިވާ 72 ފޫޓުގެ ގިނިހިލައެއް ދުނިޔެއާއި ވަރަށް ގާތުން ނޮވެމްބަރު މަހު ދަރުތުކޮށްފިކަމަށް ސައިންސްވެރިން ބުނެފި އެވެ.
މައިނާރ ޕްލެނެޓް ސެންޓާރ ގެ ސައިންސްވެރިން ބުނެފައިވާގޮތުން، އެސްޓްރޮއިޑް 2016 ވީ.އޭ ސައިންސްވެރިންނަށް ފާހަނގަކުރެވުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދުނިޔެއާއި ވަރަށް ގާތުން ގަޑިއަކު 48000 މީޓަރުގެ ބާރުމިނުގައި ވަނީ ދަތުރުކޮށްފައެވެ. އަދި ދަތުރުކޮށްފައިވަނީ ވަރަށްވެސް ގާތުންކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.
މިގޮތުން ދުނިޔެއާއި ހަނދާއި ދެމެދު ހުންނަ ދުރުމިނަކީ 385000 ކިލޯމީޓަރު ކަމަށްވާއިރު ، އެސްޓްރޮއިޑް 2016 ވީ.އޭ ދަތުރުކޮށްފައިވަނީ ދުނިޔެއާއި އެންމެ 77000 ކިލޯމީޓަރު ދުރުންނެވެ.އަދި މިއީ ދުނިޔެ ވަށައިގެން އޯބިޓްކުރާ ދުނިޔެއާއި އެންމެ ދުރުގައިވާ ސެޓެލައިޓާއި ދުނިޔެއާއި ދެމެދު ހުރި ދުރުމިނުގެ ދެގުނައެވެ.
ދުނިޔެއާއި މިހާގާތުން ގިނިހިލައެއް ދަތުރުކޮށްފައިވާއިރު ، ދުނިޔެއާއި ކައިރި ހިސާބުތަކުން އިރުގެ ވަށައިގެން އެތައް މިލިއަން ގިނިހިލައެއް ދަތުރުކުރަމުންދާކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.
ނަމަވެސް އޭގެތެރެއިން ސައިންސްވެރިންނަށް ހޯދިފައިވަނީ އެންމެ 15000 ގިނިހިލަ ކަމަށްވެއެވެ. އެހެންކަމުން ސައިންސްވެރިންނަށް ހޯދިފައިނުވާ އެތައްމިލިއަން ގިނިހިލަތަކެއްގެ ނުރައްކާ އަބަދުވެސް ދުނިޔެއަށް އޮންނާނެކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.
2013 ވަނަ އަހަރުވެސް ކުރިން ހޯދިފައިނުވާ 66 ފޫޓުގެ ގިނިހިލައެއް ވަނީ ދުނިޔޭގެ ސަރަހައްދަށް ވަދެ ޖައްވުގައި ގޮވާފައެވެ.
އެފަހަރު ރަޝިޔާގެ ސިޓީއެއްގެ މަތިން ބިމާއި ހަމައަށް ދަތުރުކުރުމުގެ ކުރިން އެ ގިނިހިލަވަނީ ގޮވާފައެވެ. މިހާދިސާގައި 1200 މީހުން ޒަހަމްވެފައިވާއިރު ، ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ގެއްލުންލިބިފައެވެ.
ސައިންސްވެރިން ގަބޫލުކުރާގޮތުން އިންސާނީ ނަސްލު ނެތިކޮށްލާވަރުގެ ގެއްލުމެއް ދުނިޔެއަށް ކުރިމަތިކުރުވާނީ އެންމެ ކުޑަވެގެން 01 ކިލޯމީޓަރުގެ ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓިގެންނެވެ.