ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރާއި ހިތުގެ ބަލިތައް ޖެހުމުގެ މައިގަނޑު އެއް ސަބަބެވެ.
ނަމަވެސް، ގިނަ މީހުންނަށް ނޭނގޭކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖީންސްއަށް ބަދަލު އަންނަ ކަމަށެވެ. އޭގެ އިތުރުން، އެއީ ޑީއެންއޭއަށް ދިގުދެމިގެންދާފަދަ ނޭދެވޭ އަސަރު ކުރާ ކަމެއްވެސް މެއެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެންވާރަމެންޓަލް ހެލްތުގެ ދިރާސާވެރިން ވަނީ 16 ދިރާސާއެއްގައި 16،000 މީހުންގެ ޓެސްޓް ނަތީޖާތައް ބަލާފައެވެ.
އެމެރިކަން ލަންގް އެސޯސިއޭޝަންގެ ސީނިއާ ސައިންޓިފިކް އެޑްވައިޒާ ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާގެ ޖީންސްއަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ.
"ގިނަ ބަދަލުތައް ރަނގަޅު ކުރެވުނު ކަމުގައިވިޔަސް، ބައެއް ކަންތައްތައް ރަނގަޅު ނުކުރެވޭނެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، ވިރާސީ (ޖެނެޓިކް) މޭކަޕް މުޅިން އެއްކޮށް ރަނގަޅު ނުވާނެގޮތަކަށް ބަދަލުވާނެ"، އޭނާ ވިދާޅުވިއެވެ.
ބައެއް ކޭސްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ ފަސް އަހަރު ފަހުންވެސް ޖީންސްތައް މުޅިން ރަނގަޅު ނުވެ އެބަހުއްޓެވެ. އޭގެ ސަބަބުން ޖެނެޓިކް ފުޓްޕްރިންޓް އުފެދެއެވެ.
ޖެނެޓިކް ފުޓްޕްރިންޓްތައް އުފެދެނީ "މީތައިލޭޝަން" ކިޔާ ޕްރޮސެސްއެއްގެ ސަބަބުންނެވެ. އެއީ ޖީންއެއް ޑީއެކްޓިވޭޓްވާ ގޮތަށް ނުވަތަ އޭގެ މަސައްކަތް ބަދަލުވާ ގޮތަށް ޑީއެންއޭ ބަދަލުކުރާ ޕްރޮސެސްއެކެވެ. އޭގެ ސަބަބުން ކެންސަރުފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.
"ހިތްވަރުލިބިދޭ ޚަބަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިނަމަ، ޑީއެންއޭ މީތައިލޭޝަންގެ ގިނަ ސިގްނަލްތައް ފަސް އަހަރަށްފަހު ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެއްގައި ހުންނަ ލެވެލްއަށް އެނބުރި ދާކަން. އޭގެ މާނައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކުން ހަށިގަނޑު އަމިއްލައަށް ރަނގަޅުވާން އުޅޭކަން"، ހިބްރޫ ސީނިއާލައިފް އަދި ހަވާޑް މެޑިކަލް ސްކޫލްގެ ރޮބީ ޖޯހޭންސް ބުންޏެވެ.