Last Updated: November 25, 14:49
Monday, November 25, 2024
މުނިފޫހިފިލުވުން

"4426" މަރަދޫ ބޮޑޮގެއަށް

މިދިޔަ މަހުގެ 18 ގައި ރިލީޒް ކުރި ކްރިސްޓަލް އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) މި މަހުގެ 17 އިން ފެށިގެން އައްޑޫގައި ދައްކަން ނިންމައިފި އެވެ.

ޝޯތައް ކުރިއަށް ގެންދާ ނިންމާފައި ވަނީ މަރަދޫ ބޮޑޮގޭގަ އެވެ.

01

އައްޑޫގައި ޝޯތައް ދެއްކުމުގެ ކަންތައްތަކާ ހަވާލުވެ ހުރި އޮފިޝަލް "އައްޑޫ ލައިވް" އަށް މިއަދު ބުނީ 17-22 އަށް ބޮޑޮގޭގައި ޝޯތައް ދައްކަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި ފިލްމަށް ލިބޭ ތަރުހީބަށް ބަލާފައި ޝޯތައް އިތުރު ކުރަން ވެސް ވަނީ ނިންމައިވާ ކަމަށް އޭނާ ބުންޏެވެ.

އައްޑޫގައި އަޅުވާ ފުރަތަމަ ދެ ޝޯ މިހާރު ވަނީ ފުލްވެފަ އެވެ.

އޮފިޝަލް ބުނީ ޓިކެޓަށް ނަން ނޯޓް ކުރަމުން މިހާރު އަންނަ އިރު، ފުރަތަމަ ދެ ޝޯގެ ޓިކެޓަށް ނަން ނޯޓް ކުރި މީހުންނަށް މަރަދޫ 1000 ބީސީ ރެސްޓޯރަންޓުން މިއަދު ހަވީރު 4:00 އިން ފެށިގެން ޓިކެޓް ދޫކުރަން ފަށާނެ ކަމަށެވެ.

"އެހެންވެ ނަން ނޯޓް ކުރި މީހުން ޓިކެޓް ވެސް ވީހާ ވެސް އަވަހަކަށް ނެގުމަށް އަޅުގަނޑުމެން އެދެން. އެހެން ނޫނީ ޓިކެޓް ހޯދަން އުނދަގޫ ވާނެ،" އޭނާ ބުންޏެވެ. "އަދި ކުރިއަށް ހުރި ޝޯތަކަށް ވެސް ނޯޓް ކުރަމުން ގެންދިއުމަށް އެދެން."

ޓިކެޓް ނަން ނޯޓް ކުރަން ގުޅަން ޖެހެނީ 7955243 އަށެެވެ. ޓިކެޓް ވިއްކަނީ 100ރ. އަށެވެ.

ނަހުލާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "4426" އަކީ އޭނާ އާއި އަލަށް ޑައިރެކްޝަނަށް ނިކުތް އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އިސްމާއީލް ޖުމައިހް (ޖުމާ) އަދި އިބްރާހީމް ޖިހާދު (ޖިމީ) އާއި މުހައްމަދު ފައިސަލް ހިމެނެ އެވެ.

"4426" އޮލިމްޕަހުގައި މިހާރު ވެސް ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަ އިރު އަތޮޅުތެރެ އާއި ރިސޯޓްތަކުގައި ވެސް އަންނަނީ ދައްކަމުންނެވެ.

އަދި މި ފިލްމްގެ ދެ ޝޯ ހަފުތާގައި ވަނީ ސްރީ ލަންކާގައި ވެސް ދައްކައިފަ އެވެ.