Last Updated: November 28, 13:00
Thursday, November 28, 2024
ރިޕޯޓް

ދަރިފުޅަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ލިބޭތަ؟

ފޮޓޯ: ބީބީސީ ގުޑް ފުޑް

'ސަންޝައިން' ވިޓަމިންގެ ނަމުން މަޝްހޫރުވެފައިވާ ވިޓަމިން ޑީއަކީ ދަރިފުޅުގެ ސިއްޙަތު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ވަރަށް މުހިންމު ވިޓަމިންއެކެވެ. އަދި ރާއްޖެއަކީ ހޫނު މޫސުން އޮންނަ ޤައުމަކަށް ވީއިރު، އިރުގެ ދޯދިތަކުގެ އެހީގައި ހަންގަނޑަށް ވިޓަމިން ޑީ އުފެއްދެއެވެ.

އެހެންނަމަވެސް، އެކާށިގެންވާ ވަރަށް ވިޓަމިން ޑީ އުފެއްދުމަށްޓަކައި އަވީގައި ކިހާއިރެއް ވަންދެން ހުންނަން ޖެހޭތޯ ބުނުމަކީ އުނދަގޫ ކަމެކެވެ. އެއީ ދަރިފުޅު އުފަންވީއިރު ހަށިގަނޑުގައި ވިޓަމިން ޑީ ހުރި މިންވަރާއި، ބޭނުންކުރާ ވައްތަރުގެ ސަން ކްރީމްއާއި އަދި ހަންގަނޑުގެ ކުލައަކީ އެކަމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަންތައްތަކަށް ވާތީއެވެ. ދޮން ކުދިންނަށްވުރެ ކަޅު ކުލައިގެ ހަން ހުންނަ ކުދިން ވިޓަމިން ޑީ އުފެއްދުމަށްޓަކައި އަވީގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވާނެއެވެ.

ދަރިފުޅަށް ވިޓަމިން ޑީ ބޭނުންވަނީ ކީއްވެ؟

އެއީ ވިޓަމިން ޑީއާއި ނުލައި، ދަރިފުޅުގެ ހަށިގަނޑަށް ކަށިތަކަށާއި ސެލްސްތަކަށް ކެލްސިއަމް އެއްވެސް ވަރަކަށް ނަގައި ނުދެވޭނެތީއެވެ. އޭގެ ސަބަބުކް ރިކެޓްސް ކިޔާ ބައްޔެއް ޖެހި، ދާއިމީކޮށް ކުދިންގެ ކަށިތަކަށް ގެއްލުންވެ، މަސްތައް ބަލިކަށިވެ އަދި ހެދިބޮޑުވުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

ވިޓަމިން ޑީ ހުންނަނީ ކާތަކެތީގެ ކޮން ބާވަތްތަކެއްގައި؟

ސެލްމަން، ރެހި، ސާޑައިން އަދި ތާޒާ ކަންނެލި އަދި ތެލުލި މަހުގައިވެސް ވިޓަމިން ޑީ ހުރެއެވެ. އަދި ރަތް ކުލައިގެ އެއްގަމު މަހުގައިއާއި، ބިހުގެ ގޮބޮޅި، މަޝްރޫމް، ސީރިއަލް އަދި ބައެއް ވައްތަރުގެ ކިރުގައިވެސް ވިޓަމިން ޑީ އެކުލެވިގެންވެއެވެ. އެހެންނަމަވެސް، ހަމައެކަނި ކާކެއުމުން ދުވާލަކަށް ވިޓަމިން ޑީ ބޭނުންވާ މިންވަރު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ދަރިފުޅަށް ވިޓަމިން ޑީ ބޭނުންވަނީ ކިހާ މިންވަރަކަށް؟

ދާދިފަހުން ވިޓަމިން ޑީ ހަށިގަނޑަށް ބޭނުންވާ މިންވަރު ވަނީ ބަދަލުވެފައެވެ. މިހާރު މާހިރުން ލަފާއަރުވާ ގޮތުގައި އެއް އަހަރުން މަތީގެ ހުރިހާ ކުދިންނަށްވެސް 10 މައިކްރޯގްރާމް ވިޓަމިން ޑީ ހުންނަ ކާއެއްޗެހި ކޮންމެ ދުވަހަކު ދޭންޖެހެއެވެ. އަދި ޚާއްސަކޮށް ފިނި މޫސުމުގައި މިކަމަށް ސަމާލުވާން ވާނެއެވެ. އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް 8.5 އާއި 10 މައިކްރޯގްރާމްއާއި ދެމެދުގެ އަދަދަކަށް ވިޓަމިން ޑީ ލިބެންޖެހެއެވެ. އެއީ 500 އެމްއެލްއަށްވުރެ ގިނައިން ފޯމިއުލާ ކިރު ބޭނުންނުކުރާ ނަމައެވެ.

ދަރިފުޅަށް އެކަށީގެންވާ މިންވަރަށް ވިޓަމިން ޑީ ނުލިބޭ ކަމުގެ ބިރުހީވާނަމަ، ވީހާވެސް އަވަހަށް ޑޮކްޓަރެއް ލަފާ ހޯއްދަވާށޭވެ.