ދެހާސް ތޭރަ ވަނަ އަހަަރުގެ ޖޫން މަހުގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޗެކް ފޮތްތަކުގެ ޗެކްތައް، އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ގަބޫލު ނުކުރާ ގޮތަށް ގައުމީ ބޭންކުން ނިންމައިފި އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޗެކް ކްލިއަރިންގް މަސައްކަތް އޮޓޮމޭޓް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސާފައިވާ އިރު، އެކަމަށް ބޭނުންވާ މިންގަނޑުތަކަށް އަމަލު ކުރުމުގެ ގޮތުން، ބީއެމްއެލުން ޗެކު ދޫކުރުމާއި ޗެކު ލިޔުމުގައި އަމަލު ކުރާ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން ގަބޫލު ކުރާނީ، ޖޫން 2013 ގެ ފަހުން ދޫކޮށްފައިވާ ޗެކުތައްއެކަނި ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ބަދަލާ ގުޅިގެން ޖޫން 2013 ގެ ކުރީގެ ޗެކު ފޮތްތައް ގެންގުޅޭ ފަރާތްތަކުން، ބޭންކުން ޗެކު ފޮތްތައް ބަދަލުކުރުމަށް ބީއެމްއެލުން ވަނީ އެދިފަ އެވެ.
ބޭންކުން އަދި ބުނީ އާ ޗެކުތަކުގައި ތިރީގައި ސަލާމަތީ އިތުރު ފިޔަވަޅުގެ ގޮތުންނާއި ޗެކު ޕްރޮސެސިން އޮޓޮމޭޓް ކުރުމަށް މެގްނެޓިކް އިންކް ކެރެކްޓަ ރިކޮގްނިޝަން ޕްރިންޓް ބޭންޑެއް ހިމެނިފައި ވާނެ ކަމަށެވެ.
އަދި ޗެކް ލިޔާ އިރު، އެ ޕްރިންޓް ބޭންޑްގެ މައްޗަށް ނާރާ ގޮތަށް ޗެކު ލިޔުމަށާއި ސޮއި ކުރުމަށް އަދި ތައްގަނޑު ޖެހުމަށް ސަމާލުކަން ދޭން އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ޗެކް ފަތްޖެހުމާއި ޗެކްގައި ހީރަސް ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ބީއެމްއެލުން އެދިފައިވެ އެވެ.
ބޭންކުން އަދި ބުނީ ޗެކް ލިޔުމަށް ފަހު ބަދަލެއް ގެނެސްފައިވާ ޗެކްތައް ޖެނުއަރީ 1، 2017 އިން ފެށިގެން ބީއެމްއެލުން ގަބޫލު ނުކުރާނެ ކަމަށެވެ.