ސްރީ ލަންކާގެ ކޮލޮމްބޯ އާއި ގަމާ ދެމެދު ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް މިހާރު ރާވާފައިވާ ގޮތަށް އަންނަ މަހުގެ އެެކެއްގައި ފެށޭނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށާއި މަަސައްކަތް ހުއްޓާ ނުލާ ކަމަށް އެ އެއާލައިންގެ ރާއްޖެ އެޖެންޓް އޭސް އޭވިއޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމު ފިރާގާ ހަވާލާދީ "މިހާރު" ނޫހުން މިއަދު ބުނެފައި ވަނީ ދަތުރުތައް ރާވާފައިވާ ގޮތަށް ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަންނަ މަހު އެކަކުން ފެށިގެން ހަފުތާ އަކު ހަތަރު ފްލައިޓް ބާއްވާ ގޮތަށް ނިންމައި، ސްރީ ލަންކަން އިން އަންނަނީ ރިޒަވޭޝަން ވެސް ހަދައި ދެމުންނެވެ. އެކަމަށް ހާއްސަ އޮފީހެއް ވެސް ފޭދޫގައި ވަނީ ހުޅުވާފަ އެވެ.
"ރިޒަވޭޝަން ޕްރޮސެސް ވެސް ހަމަ ކުރިއަށް ދާނެ،" ފިރާގު ވިދާޅުވި އެވެ. "މިހާރު ވެސް ދެކުނުގެ އަތޮޅުތަކުން 600 އަށް ވުރެ ގިނަ މީހުން ބުކިންސް ހަދާފައި އެބަހުރި. އެ ޕްރޮސެސް އަދިވެސް ހަމަ ކުރިއަށް ދާނެ."
ދަތުރުތައް ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ސްރީ ލަންކަން އެއާލައިންސް އިން ވެފައި ވާތީ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވަކި ގޮތެއް ނިންމައި އެކަން އަންގައި ދިނުމަށް އެ އެއާލައިނުން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެދިފައިވާ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ ބުރާސްފަތި ދުވަހު ހުއްދަ ނުލިބިއްޖެ ނަމަ، ސްރީ ލަންކަން އެއާލައިންސް އިން ރޭވި މަސައްކަތް މުޅިން އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.
"އެ ފުރުސަތު ނުލިބިއްޖެ ނަމަ މީގެ އެއް އޮޕްޝަނަކަށް ވާނީ ރިޒަވޭޝަން ހެދި މީހުންނަށް މާލެ ތްރޫކޮށް ކޮލޮމްބޯ އަށް ދަތުރު ކުރެވޭނެ ގޮތެއް ހެދުން. އަނެއް ގޮތަކީ މާލެ/ގަން ތްރޫކޮށް ކޮލޮމްބޯ އަށް ދެވޭނެ ގޮތެއް އިމިގްރޭޝަނުން ހަމަޖައްސައި ދިނުން،" ފިރާގު ވިދާޅުވި އެވެ. "މިކަހަލަ ގޮތަކަށް މިކަން ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ ވަރަށް ބުރަ ބޮޑު އަދި ހަރަދު ވެސް ބޮޑުވާނެ ކަމަކަށް ވެގެން ދާނީ. އެހެން ނަމަވެސް އަޅުގަނޑުމެން ދޭން އޮތް ޔަގީންކަމަކީ ރިޒަވޭޝަން ހަދާ އެއްވެސް މީހަކަށް ދެރަ ގޮތެއް ނުވާނެކަން."