ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިތުރު 100 ހައުސިން ޔުނިޓް އަޅަން ނިންމައިފި އެވެ.
އެ މަޝްރޫއު ވަނި އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހިމަނައިފަ އެވެ.
ދައުލަތުން އަންނަ އަހަރަށް 26.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާ އިރު، އައްޑު އަށް 260 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ފޭދޫގައި އަލަށް އަޅަން ނިންމި 100 ހައުސިން ޔުނިޓް އަޅަން ނިންމާފައި ވަނީ ފޭދޫން ދާދި ފަހުން ހިއްކި ބިމުގަ އެވެ.
ފޭދޫގައި މީގެ ކުރިން ވެސް ހައުސިން ޔުނިޓްތަކެއް އަޅާފައިވެ އެވެ. އެއީ އެމްޑީޕީގެ ވެރިކަމުގަ އެވެ.
އެ ފަހަރު ފޭދޫގެ ދެ ދިމާލެއްގައި ޖުމްލަ 25 ހައުސުން ޔުނިޓް އަޅާފައިވެ އެވެ.
އަންނަ އަހަރު ފޭދޫގައި ހައުސިން ޔުނިޓް އެޅުމުގެ އިތުރަށް ފޭދޫގެ ނަރުދަމާ ނިޒާމު ވެސް ގާއިމު ކުރަން ވަނީ ނިންމައިފަ އެވެ.
ސަރުކާރުން މިހާރު ވަނީ ހިތަދު އާއި ހުޅުމީދޫގައި ވެސް ފްލެޓްތަކެއް އަޅައިފަ އެވެ.
އަދި އެތަންތަނަށް ކުރިމަތިލި މީހުންގެ މެދުގައި ވަރަށް އަވަހަށް ގުރުއަތު ލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.