ފޭދޫގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި ހުރި ތަކެތި ނެގުމަށް ހައުސިން މިނިސްޓްރީން މިއަދު މުހުލަތެއް ދީފި އެވެ.
އެ މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން އެމްޑީޕީ ފޭދޫ އޮފީހަށް މިއަދު ފޮނުވި ނޯޓިހެއްގައި ބުނީ އޮފީސް ކުރިމަތީގައި ހުރި ތަކެތި މާދަމާ މެންދުރު 12:00 ގެ ކުރިން ނެގުމަށް ވެރި ފަރާތަށް އަންގާ ކަމަށެވެ.
އަދި އެ މުހުލަތުގެ ތެރޭގައި ތަކެތި ނުނަގައިފި ނަމަ އެ ތަކެތި ނަގާނެ ކަމަށް ވެސް ނޯޓިހުގައި ބުނެފައިވެ އެވެ.
ފޭދޫ ލިންކް ރޯޑް ސަރަހައްދުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި ޖޯއްޔާއި އުނދޯލި އަދި ގޮނޑި ފަދަ ތަކެތި ބަހައްޓާފައި ހުރެ އެވެ.
މި ތަކެތި ނެގުމަށް އަންގާފައި މި ވަނީ އަންނަ އަންގާރަ ދުވަހު ރައީސް އަބްދުﷲ ޔާމީން އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ.