މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު ހިތަދޫގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަބްދުﷲ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ތުހުމަތުގައި އޭނާއަށް ބޮޑު ބޭބެ ކިޔާ ސ.ހިތަދޫ ހެޕީފިއުޗާ އަހުމަދު އިބްރާހިމް ދީދީގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އޭނާ އާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށް އެމީހުންނަށްވެސް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް ބޭނުންވާ ވަރަށް ހެކި ލިބިފައިނުވުމުން އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ ސަން އޮންލައިން އިން ޚަބަރު ކޮށްފައިވެއެވެ.
ނަމަވެސް އަހުމަދު އިބްރާހިމް ދީދީ، އޭނާގެ ބޮޑުބޭބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ހެކި ލިބިފައިވާ ކަމަށް އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.
އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.
އަލީ މަރާލާފައިވަނީ އޭނާ ހިންގި ޓޫވޭވް ފިހާރައިގެ މުދަލާއި ފައިސާގެ ދަހިވެތި ކަމުގައި ކަމަށް ފުލުހުންގެ ހެކިން އެނގިފައިވެއެވެ. އަދި އަހުމަދު ދީދީއާއި ގުޅުންހުރި ގެއަކުން 40،000 އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަލީގެ މަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ފެނުނު އެންމެ ލާއިންސާނީ، އަނިޔާވެރި އެއް މަރެވެ. އޭނާއަކީ ހިތަދޫގެ ގިނަ ރައްޔިތުންގެ ލޯބި ހޯދާފައިވާ މީހުންނާ އެކުވެރި ވިޔަފާރިވެރިއެކެވެ. އަލީގެ މަރަށް އިންސާފު ލިބުމަކީ އައްޑޫ ރައްޔިތުން ނުހަނު ބޮޑަށް އެދޭ ކަމެކެވެ.