ވީޓީވީން ބާއްވަމުން އަންނަ ކަރޯކޭ ލަވަކިޔުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ "ވީޓީވީ ކަރޯކޭ ޗެލެންޖް އައްޑޫ އެޑިޝަން" ވަރަށް އަވަހަށް ފަށާނެ ކަމަށް ވީ މީޑީއާ އިން ބުނެފި އެވެ.
މީގެ ތިން ވަނަ އެޑިޝަން އައްޑޫގައި ވަރަށް އަވަހަށް ރެކޯޑް ކުރަން ފަށާނެ ކަމަށާއި ޕްރޮގްރާމް ބައިވެރިވުމުގެ ފުރުސަތު އެސްއެމްއެސް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފައި ކަމަށް ވީ މީޑީއާ އިން ބުންޏެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖް އައްޑޫ ސިޓީ އެޑިޝަންގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ KC (Space) Name, Age send to 4888 އަށެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ކޮލަމްބޯގަ އެވެ. މިޕްރޮގްރާމަށްވެސް ވަރަށް އެކަށޭނެ ތަރުހީބެއް ވަނީ ލިބިފަ އެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖްގެ ދެވަނަ އެޑިޝަން ހދ. ކުޅުދުއްފުށީގައި ބޭއްވި އިރު އެންމެ މޮޅު ލަވަކިޔުންތެރިއަކަށް ހޮވުނީ އެ ރަށު ގޯބިލިގަސްދޮށުގެ، އަލީ މުހައްމަދެވެ.
ވީ މީޑިއާ އިން ބުނީ ލަވަކިޔުމުގެ ފަންނުވެރިކަން ދިރުވާ އާލާ ކުރުމަށް ކުރެވޭ މިމަސައްކަތުގައި ލަވަކިޔުމުގެ ޝައުގުވެރިކަން ހުރި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
އަދި މުޅި ރާއްޖޭގައި ބާއްވަމުންދާ މި ސިލްސިލާގެ ޕްރޮގްރާމްތައް ސްޕޮންސަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖްގައި ގަދަ ތިނެއް ހޮވައި ތައްޓާއި ސެޓްފިކެޓާ އެކު ފައިސާގެ އިނާމް ވެސް ދެ އެވެ.
އެގޮތުން އެއް ވަނަ އިނާމަކަށް 10،000ރ. ދެވަނަ އަށް 5،000ރ. އަދި ތިން ވަނަ އަށް 2،500ރ. ލިބެ އެވެ.