މީދޫގެ ފުށްޓަރާ ދިމާލުން ނެރެއް ކެނޑުމަށްޓަކައި، ފަރު ގޮއްވުމުގެ ހުއްދަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.
މީދޫ ބަނދަރަކީ 2009 ގައި ފަށައި، ނެރެއް ކެނޑުމުގެ މަސައްކަތް ނުނިމި އެކި މަރުހަލާތަކުގެ 90 ޕަސަންޓު މަސައްކަތް މިހާރު އޮތް ބަނދަރެކެވެ.
މި މަޝްރޫއުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދަން ރޭވި ގޮތަށް ބަދަލު ގެނެސް މީދޫގެ ފުށްޓަރުން 405 މީޓަރުގެ ސަރަހައްދެއް ގޮއްވުމުގެ ހުއްދައަށް އެދި، ހައުސިންގް މިނިސްޓްރީން އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދައި ހުއްދައަކަށް އެދި އީޕީއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ.
އީއައިއޭ ރިޕޯޓުގައި ބުނެފައި ވަނީ ފަރު ކެނޑުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ޑްރޮޕް ހެމާ" އަދި "އެއާ ގަން" ބޭނުންކޮށްގެން ވެސް، މީދޫ ފުށްޓަރުގެ އާނުގަނޑުގެ ފޫ ދުއްވާލެވިފައި ނުވާ ކަމަށެވެ.
އެހެންވެ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ލަންކާގެ ސެނެކޯ ޓްރޭޑް ކޮމްބައިން ހުށަހަޅާފައި ވަނީ ފަރު ގޮއްވައިގެން ނެރު ކެނޑުމަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން މިދިޔަ ބުދަ ދުވަހު އީޕީއޭ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއި ކުރައްވައި، އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ވަނީ މިހާރު ދީފަ އެވެ.
އެ ހުއްދައިގައި ބުނެފައި ވަނީ މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރަން ޖެހޭނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ގެއްލުން ކުޑަ ކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީޕީއޭ އިން އަދި ބުނީ މަސައްކަތް ކޮށްގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި، އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާވާން ޖެހޭނީ ހައުސިންގް މިނިސްޓްރީ ކަމަށެވެ.
މީދޫގެ ނެރު ފަރު ގޮއްވައިގެން ކެނޑުމަށްޓަކައި ހުށަހެޅި އީއައިއޭ ރިޕޯޓްގައިވާ ގޮތުން ފަރު ގޮއްވާލަން ބޭނުން ކުރާނީ އެމޯނިއާ ނައިޓްރޭޓް ކިޔާ ގޮވާ ޒާތުގެ ކެމިކަލަކާއި، ޑައިނަމައިޓެވެ އަދި.ހަތަރު އިންޗީގެ ޑައިނަމައިޓެއްގެ ވަށައިގެން، އެމޯނިއާ ނައިޓްރޭޓާއި ޑީސަލް އެއްކޮށްފައިވާ މިކްސްޗާއެއް އަޅައި، ޕްލާސްޓިކް ކޮތަޅެއްގައި ބަންދު ކުރެވޭނެއެވެ. އަދި އެ ކޮތަޅު، ގޯންޏެއް ފަދަ ބޮޑު ކޮތަޅެއްގައި ވެލީގެ ފަށަލައަކާ އެކު ބަންދުކުރެވޭނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އީއައިއޭގައި ބުނެފައިވާ ގޮތުން މި މަސައްކަތަށް ނަގާމީ ދެ ދޭއް ނުވަތަ ތިން ދުވަހެވެ.