މީދޫގެ ފުށްޓަރާ ދިމާލުން ނެރެއް ކެނޑުމަށްޓަކައި، ފަރު ގޮއްވުމުގެ ހުއްދަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފައިވާތީ އެކަމާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީދޫ ބަނދަރަކީ 2009 ގައި ފަށައި، ނެރެއް ކެނޑުމުގެ މަސައްކަތް ނުނިމި އެކި މަރުހަލާތަކުގެ 90 ޕަސަންޓު މަސައްކަތް މިހާރު އޮތް ބަނދަރެކެވެ.
މި މަޝްރޫއުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދަން ރޭވި ގޮތަށް ބަދަލު ގެނެސް މީދޫގެ ފުށްޓަރުން 405 މީޓަރުގެ ސަރަހައްދެއް ގޮއްވުމުގެ ހުއްދަ އަށް އެދި، ހައުސިން މިނިސްޓްރީން އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދައި ހުއްދައަކަށް އެދި އީޕީއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ.
އީއައިއޭ ރިޕޯޓުގައި ބުނެފައި ވަނީ ފަރު ކެނޑުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ޑްރޮޕް ހެމާ" އަދި "އެއާ ގަން" ބޭނުންކޮށްގެން ވެސް، މީދޫ ފުށްޓަރުގެ އާނުގަނޑުގެ ފޫ ދުއްވާލެވިފައި ނުވާ ކަމަށެވެ.
އެހެންވެ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ލަންކާގެ ސެނެކޯ ޓްރޭޑް ކޮމްބައިން ހުށަހަޅާފައި ވަނީ ފަރު ގޮއްވައިގެން ނެރު ކެނޑުމަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
As MP of AdduMeedhoo I call upon the government to withdraw its decision to blast the channel between Meedhu & IsmehelaHera using dynamite.
— MP Rozaina Adam (@Roxeyna) November 12, 2016
މިކަމާ ގުޅިގެން މިދިޔަ ބުދަ ދުވަހު އީޕީއޭ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއި ކުރައްވައި، އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ވަނީ މިހާރު ދީފަ އެވެ.
މިކަމާ ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނިންމުން އަނބުރާ ގެންދަން ގޮވައިލާ ކަަމަށެވެ.
އޭނާ އަދި ވިދާޅުވީ އެކަމަކީ މީދޫ ރައްޔިތުން ވެސް އަދި ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްތުން އޭނާ ދެކޮޅު ހައްދަވާ ކަމެއް ކަަމަށެވެ.
EIA report ga eba oiy muskulhi gethakah ves dynamite ge sababun gellun vedhaane vaahaka. Aasaary Koagan gaburusthaanu salaamaiy vaaneba?
— MP Rozaina Adam (@Roxeyna) November 13, 2016
ހުއްދައިގައި ބުނެފައި ވަނީ މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރަން ޖެހޭނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ގެއްލުން ކުޑަ ކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީޕީއޭ އިން އަދި ބުނީ މަސައްކަތް ކޮށްގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި، އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާވާން ޖެހޭނީ ހައުސިންގް މިނިސްޓްރީ ކަމަށެވެ.
EIA report ga eba oiy muskulhi gethakah ves dynamite ge sababun gellun vedhaane vaahaka. Aasaary Koagan gaburusthaanu salaamaiy vaaneba?
— MP Rozaina Adam (@Roxeyna) November 13, 2016
މީދޫގެ ނެރު ފަރު ގޮއްވައިގެން ކެނޑުމަށްޓަކައި ހުށަހެޅި އީއައިއޭ ރިޕޯޓްގައިވާ ގޮތުން ފަރު ގޮއްވާލަން ބޭނުން ކުރާނީ އެމޯނިއާ ނައިޓްރޭޓް ކިޔާ ގޮވާ ޒާތުގެ ކެމިކަލަކާއި، ޑައިނަމައިޓެވެ.
އަދި ހަތަރު އިންޗީގެ ޑައިނަމައިޓެއްގެ ވަށައިގެން، އެމޯނިއާ ނައިޓްރޭޓާއި ޑީސަލް އެއްކޮށްފައިވާ މިކްސްޗާއެއް އަޅައި، ޕްލާސްޓިކް ކޮތަޅެއްގައި ބަންދު ކުރެވޭނެ އެވެ. އެ ކޮތަޅު، ގޯންޏެއް ކަހަލަ އެއްޗެއްގައި ވެލީގެ ފަށަލައަކާ އެކު ބަންދު ކުރެވޭނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
މިދިޔަ ބުދަ ދުވަހު ދިން ދިން އީއައިއޭ ހުއްދައިފައި ބުނެފައިވާ ގޮތުން މި މަސައްކަތަށް ނަގާނީ ދެ ދޭއް ނުވަތަ ތިން ދުވަހެވެ.
ފަރު ގޮއްވައިގެން ނެރެއް ކަނޑަން އުޅޭތީ މިކަމާ ދެކޮޅަށް މިއަދު މީދޫގައި މުޒާހަރާއެއް ވެސް ކުރަން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.