Last Updated: November 24, 09:42
Sunday, November 24, 2024
ވިޔަފާރި

"ބޮނޑޮގެ" އަލުން އިއުލާންކޮށްފި

މަރަދޫ "ބޮނޑޮގެ" ހިންގާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށް، އާދީއްތަ ދުވަހު މުއްދަތު ހަމަވި އިރު، ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން އިއުލާންކޮށްފި އެވެ.

އެހެންވެ ބޮނޑޮގެ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަލުން ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 އަށް ހަމައަށް މިހާރު ވަނީ ދީފަ އެވެ.

އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ބޮނޑޮގެ ބަޔަކާ ހަވާލު ކުރަން ހުޅުވާލައި، މި މަހުގެ 6 ވަނަ ދުވަހު ބޭއްވި މައުލޫމާތު ދިން ސެޝަނަށް ނުވަ ފަރާތަކުން ހާޒިރުވި ކަމަށެވެ.

"އެހެން ނަމަވެސް ސުންގަޑި ހަމަވި އިރު ކުރިމަތިލީ އެންމެ ފަރާތަކުން. އެހެންވެ އަލުން އިއުލާން ކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުން ވަނީ ތަނުގެ ގޮތުންނާ ވެސް އެކު، ވީހާ ވެސް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކާ ބޮނޑޮގެ ހިންގަން ހަވާލު ކުރަން."

gbjk-8

މި މަހުގެ 22 އާ ހަމަައަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލި އިރު، މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 22 ވަނަ ދުވަހު ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި މައުލޫމާތު ދިނުން އޮންނާނެ އެވެ.

ކައުންސިލްގެ ބަޖެޓުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަރާމާތު ކުރި ބޮނޑޮގެ ބަދަލުތަކަކާ އެކު ރަސްމީކޮށް ހުޅުވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެތަން ހިންގަން ހަވާލު ކުރާ ފަރާތަަކަށް ބޮނޑޮގޭގެ ގޯތި ތެރޭގައި ކެފޭ/ރެސްޓޯރަންޓެއް ހިންގުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ކައުންސިލުން މިހާރު ވެސް އަންނަނީ އެކި ބޭނުންތަކަށް ބޮނޑޮގެ ކުއްޔަށް ދޫކުރަމުންނެވެ.

ބޮނޑޮގެ ބަޔަކާ ހަވާލު ކުރުމުން އެތަން ކުއްޔަށް ދީ މެނޭޖް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ބަޔެކެވެ.