ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާ ބެހޭ މައުލުމާތުތަކެއް އާންމު ކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމަށް އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު އާންމު ކުރި ކަމުގެ ކުށާއި އެ މައުލޫމާތު ހޯދުމުގެ ކުށް ގާސިމްގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ މައުލޫމާތު އާންމު ކުރުން 8 މަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށާއި އެ މައުލޫމާތު ހޯދުމުން ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
މިފަދަ ހުކުމެއް ގާސިމްގެ މައްޗަށް އިއްވި އިރު އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ވެސް އޭނާ ވަނޫ ޝޯޓްލިސްޓްވެފަ އެވެ.
އެ އެވޯޑަކީ ކުރިން ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިންޓަގްރިޓީ އެވޯޑްގެ ނަމުގައި ދެމުން އައި އެވޯޑެކެވެ.
ނަމަވެސް 2000 ވަނަ އަހަރު ވަނީ އެވޯޑްގެ ނަން ބަދަލުކޮށްފަ އެވެ.
މިއީ ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ނޫސްވެރިންނާއި ޕްރޮސެކިއުޓަރުންނާއި ސަރުކާރުގެ މުވައްޒަފުންނާއި ޖަމާއަތުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލައި މީހުންނަށް ހާއްސަކޮށްފައިވާ އެވޯޑެކެވެ.