ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އިންސްޕެކްޓަރު އަލީ ޝަރީފް ހަމަޖައްސައިފި އެވެ.
ކުރިން އެ މަގާމުގައި ހުންނެވީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޙުސައިން ސަމީރެވެ. ސަމީރު ވަނީ ދެ އަހަރު ވަންދެން އެ މަގާމު އަދާ ކުރައްވައިފަ އެވެ.
ސަމީރުގެ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ކައުންސިލުން ވަނީ އޭނާ އަށް ހަނދާނ ލިޔުމެއް ވެސް ބައްދަލުވުމުގައި އަރުވައިފަ އެވެެ.
ޕޮލިހުގައި މަސައްކަތް ކުރައްވާތާ 17 އަހަރު ވެފައިވާ ޝަރީފް މަޤާމާ ހަވާލުވެމިވަޑައިގަތީ އިންޑިޔާ އިން އެއް އަހަރު ދުވަހުގެ އައިޕީއެސް ކޯހެއް ވެސް ފުރިހަމަ ކުރެއްވުމަށް ފަހު އެވެ.
މި ކޯހަކީ އިންޑިއާގައި ހެދޭ އެންމެ މަތީ ފެންވަރުގެ އެއް ޕޮލިސް ކޯހެވެ.
އާ ކޮމާންޑަރު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ސަމީރާއި އައްޑޫ ކޮމާންޑަރު ސަބް އިންސްޕެކްޓަރު ޖަމްޝީދު އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
ކައުންސިލާ އއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ޕޮލިހާއި ކައުންސިލާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި މުސްތަޤްބަލުގައި ވެސް އެ ގުޅުން ކައުންސިލުން ބާއްވާނެ ކަމަށެވެ.
އަދި ޤާނޫނީ ގޮތުން އުފުލަން ޖެހޭ ޒިންމާތައް އުފުލައި މުޖްތަމައު އަމާން ތަނަކަށް ހެދޭނީ ދެ ފަރާތުން އެކީގައި މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ.