އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކްގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރްއެފް) އިންޑިއާގައި ފަސް އަހަރަށް މަނާކޮށްފި އެވެ.
އިންޑިއާގެ ކެބިނެޓް ކޮމިޓީން މިގޮތަށް ނިންމީ ޑރ. ޒާކިރް ނައިކް ނަފްރަތު އުފެދޭ ފަދަ ތަގްރީރުތައް ދެއްވާކަން ސާބިތުވުމާ ގުޅިގެން ކަމަށް ބުނެފައި ވެއެވެ.
އެ ފައުންޑޭޝަން މަނާކޮށްފައި މި ވަނީ ސަރުކާރުގެ ހުއްދަ ނެތި ބޭރުގެ މާލީ އެހީތެރިކަން ހޯދޭ ޖަމްއިއްޔާއެއްގެ ގޮތުގައި އެ ފައުންޑޭޝަން އޮތް އޮތުން މިދިޔަ ސެޕްޓެމްބަރު މަހު އުވާލައި، ބޭރުގެ އެއްވެސް މާލީ އެހީތެރި ކަމެއް ހޯދާ ނަމަ އެކަމެއް އިންޑިއާގެ މައި ސަރުކާރުގެ ޔޫނިއަން ހޯމް މިނިސްޓްރީ އަށް ލިއުމަކުން ކުރިން ހުށަހަޅައި ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސުމަށް އަންގައިފައި ވަނިކޮށެވެ.
އައިއާރްއެފް މަނާކުރުމަށް ފަހު، އެ ފައުންޑޭޝަނާ ގުޅުން ހުރި އެއްވެސް ފަރާތަކުން އިންޑިއާގައި އެއްވެސް ހަރަކާތެއް ހިންގާތޯ ވަރަށް ރަނގަޅަށް ފާރަލައި ބެލުމަށް ވެސް އިންޑިއާ ސަރުކާރުން ކަމާ ބެހޭ އިދާރާތަކަށް އަންގައިފަ އެވެ.
ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް އިސްލާމީ ދައުވަތު ފެތުރުމަށް މަަަސައްކަތް ކުރައްވާ ޑރ. ޒާކިރް ނައިކާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވަރަށް ގިނަ މައްސަލަތަކުގެ ތަހުގީގު މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.
އެގޮތުން ބޭރުން ލިބޭ މާލީ އެހީތެރިކަން ޒާކިރް ނައިކް ހިންގަވާ އެކިއެކި ޖަމްއިއްޔާތައް މެދުވެރިކޮށް ޒުވާނުންގެ މެދުގައި އިސްލާމީ ހަރުކަށި ވިސްނުން އުފެއްދުމަށާއި ޓެރަރިސްޓް ހަރަކާތްތައް ހިނގުމަށް ހިތްވަރު ލިބޭ ފަދަ ކަންކަމަށް ހޭދަ ކުރާކަން ތަހްގީގުތަކުން އެނގިފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.
އަދި އައިއާރްއެފަށް ބޭރުން ލިބިފައިވާ ވަރަށް ގިނަ ފައިސާތައް ޒާރިކް ނައިކް ހިންގަވާ ޕީސް ޓީވީ އަށް ޚަރަދުކޮށް ނަފުރަތު އުފެދޭ ފަދަ ޕްރޮގްރާމްތައް ހަދައިގެން ދައްކަމުން ގެންދާ ކަމަށް ތުމަމަތުކޮށްފައިވެ އެވެ.
ދެހާސް ދިހަ ވަނަ އަހަރު ރާއްޖެ ވެސް ވަޑައިގެން ތަގުރީރު ކުރައްވާފައިވާ އިންޑިއާ އަށް އުފަން ޑރ. ޒާކިރް ނައިކް މިހާރު ދިރިއުޅުއްވަނީ ސައުދީ އަރަބިއްޔާގަ އެވެ.