Last Updated: November 25, 14:49
Monday, November 25, 2024
މުނިފޫހިފިލުވުން

މިއޮތީ "4426" ގެ އާ ޓްރެއިލާއެއް

ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) މި ރެއިން ފެށިގެން އައްޑޫގައި ދައްކަން ފަށާ އިރު، ފިލްމުގެ އާ ޓްރެއިލާއެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެެ.

މި ރެއިން ފެށިގެން މަރަދޫ ބޮނޑޮގޭގައި މި މަހުގެ 22 އާ ހަމައަށް "4426" ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގެ ވަރަށް ގިނަ ފިލްމަށް އިންތިޒާރު ކުރަމުން އަންނަނިކޮށް، އާ ޓްރެއިލާއެއް ރިލީޒް ކުރުމުން ފިލްމާ ދޭތެރޭ އިތުރު ޝައުގުވެރި ކަމެއް އުފެދިފައިވާ ކަމަށް ފިލްމް ބަލާލަން ކެތްމަދުވެފައި ތިބި ބައެއް މީހުން ބުންޏެވެ.

އައްޑޫގައި އަޅުވާ ޝޯތަކަށް އާންމުންގެ ފަރާތުން ވަަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

"4426" އަކީ ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އިސްމާއީލް ޖުމައިހް (ޖުމާ) އަދި އިބްރާހީމް ޖިހާދު (ޖިމީ) އާއި މުހައްމަދު ފައިސަލް ހިމެނެ އެވެ.

"4426" ގެ ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި މިހާރު ވެސް ދައްކަމުން އަންނަ އިރު މި މަހުގެ 22 ހަމައަށް އޮލިމްޕަހުގައި ފިލްމް ދައްކާނެ އެވެ.

މީގެ އިތުރުން އަތޮޅުތެރެ އާއި ރިސޯޓްތަކުގައި ވެސް ފިލްމް އަންނަނީ ދައްކަމުންނެވެ.

އަދި މި ފިލްމްގެ ހައުސްފުލް ތިން ޝޯ މި މަހުގެ ކުރީކޮޅު ސްރީ ލަންކާގައި ވެސް ވަނީ ދައްކައިފަ އެވެ.