މީދު އާއި އިސްމެހެލާހެރަ ދޭތެރޭ އޮންނަ ޗެނަލްގެ ނެރު، އެ ސަރަހައްދުގެ ފަރު ގޮއްވައިގެން ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީގެ ފަރާތުންނެވެ. މި މަސައްކަތް ތިން ދުވަހަށް ކުރިއަށް ދާނެ ކަމަށް އެނގިފައިވެ އެވެ.
އެ ސަަރަހައްދުގެ ފަރު ގޮއްވަނީ، މިކަމާ އައްޑޫގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅު ކުރަމުން ދަނިކޮށެވެ. އަދި މިކަމުގެ ކަންބޮޑުންވުންތައް ސަރުކާރާ ހިއްސާ ކުރުމަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުން ދަނިކޮށެވެ.
ސްރީ ލަންކާގެ ސެނެކޯ ޓްރޭޑް ކޮމްބައިން އިން ނެރު ކަނޑަން ބޭނުން ވާތީ، އެކަމާ ގުޅޭ ގޮތުން ހެދި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަށް ހުއްދަ ހޯދަން ހައުސިން މިނިސްޓްރީން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހެޅުމުން އެތަނުންފަރު ގޮއްވުމުގެ ހުއްދަ ދިނީ މި މަހުގެ ނުވައެއްގަ އެވެ.
އީއައިއޭ ރިޕޯޓުގައި ބުނެފައި ވަނީ ފަރު ކެނޑުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ޑްރޮޕް ހެމާ" އަދި "އެއާ ގަން" ބޭނުންކޮށްގެން ވެސް، މީދޫ ފުށްޓަރުގެ އާނުގަނޑުގެ ފޫ ދުއްވާލެވިފައި ނުވާ ކަމަށެވެ.
އެހެންވެ ސެނެކޯ އިން ހުށަހަޅާފައި ވަނީ ފަރު ގޮއްވައިގެން ނެރު ކެނޑުމަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އީޕީއޭ އިން ދިން ހުއްދައިގައި ބުނެފައި ވަނީ މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރަން ޖެހޭނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ގެއްލުން ކުޑަ ކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީޕީއޭ އިން އަދި ބުނީ މަސައްކަތް ކޮށްގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި، އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާ ވާން ޖެހޭނީ ހައުސިން މިނިސްޓްރީ ކަމަށެވެ.