ކޯޓުންތަކުން މިހާރު ހުކުމް ކުރަމުން ގެންދަނީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމް ފެކްޝަނުން އެދޭ ގޮތަކަށް ކަމަށާއި ރާއްޖޭގައި މިހާރު ގާނޫނީ ވެރިކަމެއް ނުހިނގާ ކަމަށް ރައްޔިތުންހެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި އޭނާ ވިދާޅުވީ އެންމެ ފަހުން ފެނިގެން މި ދަނީ ޕީޕީއެމްގެ އެތެރޭގެ ކޯޅުންތަކާއި މައްސަލަތަކުގެ ސަބަބުން އިންތިޚާބަށް ތައްޔާރު ނުވެވިގެން އިންތިޚާބު ފަސްކޮށް ދިނުމަށް ކޯޓަށް ހުށަހެޅުމުން ހަމަ އެގޮތައް ކޯޓުން ނިންމައި ދިން ތަން ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިކާބުގައި، ރެޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރެޖިސްޓްރީ ވާން ހުށަހެޅުމުގެ ފުރުސަތު ހަމަވެފައި ވަނިކޮށް، ކޯޓް އަމުރަކާއެކު މުއްދަތެއް ނެތް ގޮތަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެގޮތަށް ސިވިލް ކޯޓުން އަމުރު ކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް، ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން އިއްޔެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެންނެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކޯޓުތައް ވެއްޓިފައި އޮތް ދަށު ދަރަޖަ މި ފެންނަނީ،" ރޮޒޭ ވިދާޅުވި އެވެ. "ޕީޕީއެމުން މި މައްސަލަ ކޯޓަށް ލާއިރަށް އަޅުގަނޑުމެން އެންމެން ކިޔަން ފަށައިފިން ތިއޮތީ ލަސްވެފައޭ."
އޭނާ އަދި ވިދާޅުވީ މި ނިންމުމަކީ ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށެވެ.
ރޮޒޭ ވިދާޅުވީ މިކަމުން އެނގިގެން މިދަނީ ރައީސް ޔާމީން ވެރިކަމުގައި ބަހައްޓައިގެން ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަން ސާބިތުވުން ކަމަށެވެ.
އިންތިޚާބުތައް ބާއްވަން ކަންކަން ކުރަން ޖެހޭ ގޮތްތަކާ އެކަން ކުރާނެ ބަޔަކު އަދި އެކަން ކުރަން ޖެހޭ މުއްދަތުތަކެއް ޤާނޫނު އަސާސީ އާއި ޤާނޫން ތަކުގައި ކަނޑައެޅިފައިވާ އިރު ފެނިގެން ދަނީ ކޯޓުތައް މެދުވެރިކޮށް އެކަންކަމުގެ ތެރެއަށް ވެންނެވި ތަން ކަމަށް ވިދާޅުވި އެވެ.
"މި ފެންނަނީ އިންތިޚާބުތައް މިނިވަން ނުވާނެކަން. ޤާނޫން އަސާސީއާ ޤާނޫނުގައި ވަކި ގޮތަކަށް ކަން ކުރަން އޮއްވައި ފެނިގެން މި ދަނީ މުޅިން އެހެން ގޮތަކަށް ކަން ކުރަމުންދާ ތަން،" ރޮޒޭ ވިދާޅުވި އެވެ.