އަބުރާ ބެހުނު ކަމަށް ބުނެ "މިހާރު" ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދުގެ ޖިނާއީ މައްސަލައެއް ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ކުރީގެ މެންބަރު ޝުޖާއު ހުސެން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ފަޒީނާގެ މައްޗަށް ޝުޖާއު ދައުވާ ކުރަން ނިންމައި، އެ މައްސަލަ ފުލުހަށް ހުށަހެޅީ އޭނާއަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ބުނެ ލިޔުނު ޚަބަރަކަށް އޭނާގެ ބަހެއް ހޯދާފައި ނުވާ ކަމަސް ބުނެ އެވެ.
މި މައްސަލާގައި ފަޒީނާ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ނަގާފައިވެ އެވެ.
ޝުޖާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އޭނާ އާ ބެހޭ ގޮތުން ފަޒީނާ ލިޔުނު ހަބަރުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންނާއި ރައްޔިތުންގެ ނަފްރަތު އޭނާ އަށް އަމާޒުވެފައިވާ ކަމަށެވެ.
Noosveriyakas, Mahujanakas adhi Shekhakas. Qaanoonuge kurimathyga enmmenves hamahama https://t.co/JCoBKuXNCo
— Shujau Hussain (@alameershujau) November 21, 2016
އޭނާ އަދި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާ އެކު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީ އޮފީހަށް ދިއުމުން މާރާމާރީ ހިންގައި އެތަނުން ބޭރު ކުރީ ފަޒީނާ ލިޔުނު ޚަބަރުގެ ސަބަބުން އެމްޑީޕީ މެންބަރުންގެ ހިތުގައި ނަފުރަތު އުފެދިފައިވާތީ ކަމަށެވެ.
އަދި އަބުރުގެ ގާނޫނުގެ ދަށުން ރައްދުވާ ފަރާތުގެ ބަސް ނުހޯދާ ޚަބަރު ލިޔުމަކީ ކުށެއް ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެ އެވެ.
ފަޒީނާ ލިޔުނު ޚަބަރާ ގުޅިގެން އަބުރުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަ ހުށަހަޅާފައިވާ އިރު، މަދަނީ ދައުވާ ކުރާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެ އެވެ.
ފަޒީނާގެ ހަބަރުގައި ޝުޖާއުއަކީ އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށް ލިޔެފައި ވަނީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއާ ހަވާލާ ދީ އެވެ.