މިއީ ހިތްވަރު ގަދަ އަންހެނެއްގެ ވާހަކަ އެވެ. ފިރިހެނަކަށް ދޫނުކުރާ ވަރުގެ އަންހެން ކެޕްޓަނެކެވެ. އިންޑިއާގެ ހަތް މަސްވެރިއެއްގެ ފުރާނަ ސަލާމަތްވި ހިތްވަރު ގަދަ ހާދިސާގެ ފަހަތުގައި ހުރީ ކެޕްޓަން ރާދިކާ މެނަން އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމީހުން އުޅަނދުގެ އިންޖީން ފެއިލްވުމުން، އަދި ނަގިލި އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ކަނޑަށް ގެއްލުމުން، ބޯޓުގެ ފަޅުވެރިން ތިބީ ނުރައްކާތެރި ބިޔަ ރާޅުތަކުގެ ތެރެއަށް ގެއްލިފައެވެ.
އެއް ހަފުތާއެއް ވަންދެން ބެންގާލްގެ ގޮނީގައި އެއްވެސް އެހީއެއް ނެތިފައި ތިއްބާ، އެމީހުންގެ ސަލާމަތަށް އައީ ކެޕްޓަން މެނަންގެ ކޮމާންޑްގެ ދަށުގައި އޮތް ތެޔޮ ޓޭންކަރެކެވެ.
މެނަންގެ ހިތްވަރުގަދަ މަސައްކަތް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ފާހަގަކޮށް، އެ ޖަމިއްޔާގެ އެކްސެޕްޝަނަލް ބްރޭވަރީ އެޓް ސީ (ކަނޑުގައި ހިތްވަރުގަދަކަމުގެ ލާމަސީލުކަން) އެވޯޑް ވަނީ ހޯމަ ދުވަހު ލަންޑަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކެޕްޓަން މެނަން އާ ހަވާލުކޮށްފަ އެވެ.
އިންޑިއަން މާޗެންޓް ނޭވީގެ އެންމެ ފުރަތަމަ އަންހެން ކެޕްޓަނަށް ވުމުގެ އިތުރުން، ކެޕްޓަން މެނަންއަކީ އެ އެވޯޑްވެސް މިހާތަނަށް ލިބުނު ހަމައެކަނި އަންހެނާ އެވެ.
އެ އެވޯޑަކީ ކަނޑުގައި އަމިއްލަ ފުރާނައާ މެދު ނުވިސްނައި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރާ މީހުންގެ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ކަނޑުގެ ރާޅުތައް ނުވަ މީޓަރަށް ބޮޑުވެ ވައިގެ ބާރުމިން 60-70 މޭލަށް ބާރުވުމުން، އޭނާ ވަނީ މިދިޔަ ޖޫން މަހު ކަނޑުވެފައި ތިބި މަސްވެރިން ސަލާމަތް ކުރުމަށް ރެސްކިއު އޮޕަރޭޝަނެއް ކޮމާންޑްކޮށްފަ އެވެ.
އެގޮތުން ކުޑަ ބޯޓެއްގައި ތިބި އެމަސްވެރިން ހަރުގަނޑެއްގެ އެހީގައި ކެޕްޓަން މެނަންގެ ބޮޑު ޓޭންކަރަށް އެރުވުނީ ތިން ފަހަރު މަތިން މަސައްކަތް ކޮށްގެންނެވެ.
ސަމްޕޫރްނާ ސްވަރާޖްޔާ ޓޭންކަރުގެ ދެވަނަ އޮފިސަރަށް ވަނީ އޮރިސާގެ ގޯޕާލްޕޫރްގެ 2.5 ކިލޯމީޓަރު ދުރުން އެމަސް ބޯޓް ފެނިފަ އެވެ. މަސްވެރިން ދިރިތިބުމަށްޓަކައި ކައި އުޅުނީ އެ މީހުން ސްޓޯރޭޖްގައި ރައްކާކޮށްފައި ހުރި ގަނޑުފެނެއެވެ. އެއީ
އެ މީހުން ކައިބޮއެ އުޅުމަށް ބޭނުން ކުރި ތަކެތި ކަނޑުވުމުންނެވެ.
ބީބީސީ ވޯލްޑް ނިއުސް ޓީވީއަށް ކެޕްޓަން މެނަން މަޢުލޫމާތު ދިން ގޮތުގައި ކަނޑުގެ ރާޅުތައް ދެތިން ދުވަސް ވަންދެން ވަރަށް ގަދަކަމަށާއި، ވަރަށް ފުން ޑިޕްރެޝަންއެއް އުފެދުނު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، އެހެންނަމަވެސް އެކަން ކޮންމެހެން ވެސް ކުރަން ޖެހުނު ކަމަށެވެ. އެއީ އެކަން ނުކޮށްފިނަމަ، އެމަސްވެރިން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތްކަން އެނގޭތީ ކަމަށެވެ.
އެންމެ ފުރަތަމަ އަންހެން ކެޕްޓަންގެ ޝަރަފް އޭނާއަށް ލިބިފައިވިޔަސް، ރާދިކާ މެނަންއަށް އެއީ މާބޮޑު ކަމެއް ނޫނެވެ.
އޭނާ ބުނާ ގޮތުގައި އޭނާ މަސައްކަތް ކުރާ ބޯޓްތަކުގައި މީހެއް ޖިންސަކީ މާ ބޮޑު މާނައެއް އޮންނަ ކަމެއް ނޫން ކަމަށެވެ.