ވޯލްޑް ބޭންކްގެ ފަރާތުން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ ޑިރެކްޓަރު އިދާ ސްވަރަޔީ-ރިހޯ އައްޑޫ ސިޓީ ކައުންސިލާ ރޭ ބައްދަލު ކުރައްވަައިފި އެވެ.
އީކުއޭޓަރ ވިލެޖްގައި ފަރިއްކޮޅަކާ އެކު އޮތް މި ބައްދަލުވުމަކީ ވޯލްޑް ބޭންކްގެ ފަރާތުން ފަންޑްކޮށްގެން އައްޑޫގައި ހިނގަމުންދާ ސީކެޕް ޕްރޮޖެކްޓްތައް ކަމަށްވާ އީދިގަލި ސަރަހައްދު އިކޯ-ޓޫރިޒަމަށް ތަރައްޤީ ކުރުމާއި ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ތަރައްޤީ ކުރުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ވޯލްޑް ބޭންކްގެ އޮފިޝަލުން މިހާރު އައްޑު އަށް ކުރައްވަމުންދާ ޒިޔާރަތަކާ އެކު ބޭއްވި ބައްދަލުވުމެކެވެ.
ސީކްޕްގެ ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތް ބެއްލެވުމަށް ވޯލްޑް ބޭންކުން ކުރައްވާ ޒިޔާރަތުގައި މިއަދު ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ތަރައްޤީ ކުރުން ކުރިއަށްދާ ގޮތް ބައްލަވާނެ އެވެ.
އެއަށް ފަހު މިއަދު ހަވީރު އީދިގަލި ސަރަހައްދުގެ ޕްރޮޖެކްޓް ހިނގަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރަށް ކައުންސިލުން ވަނީ ހަދިޔާއެއް ވެސް އަރުވައިފަ އެވެ.
އެ ހަދިޔާ އޭނާ އާ ހަވާލުކޮށް ދެއްވީ ކައުންސިލްގެ ފަރާތުން މޭޔަރު އަބްދުޑ ސޯދިގް (ސޯބެ) އެވެ.