މީދޫ އުތުރު ފަރާތުން ނެރެއް ހަދައިގެން މާ ކަނޑަށް ނުކުތުމުގެ ޚިޔާލަކީ ހަމަ ގައިމު ވެސް މީދޫ ބަނދަރު ހެދި އިރު މީހުންގެ މެދުގައި މަގުބޫލު ހިޔާލަކަށް ނުވާނެ އެވެ.
އޭރު އެކަމާ ވިސްނި ބަޔަކު ތިބި ނަމަ ބަނދަރާއެކު އިސްމެހެލާހެރަ ރަށާއި ގުޅުވައި ނުލާނެ އެވެ. ޖިއޮގްރަފީއެއް ޖިއޮލޮޖީއެއް ނޭނގުނު ނަމަވެސް އިސްމެހެލާ ހެރައާއި ރަށާއި ގުޅުވުން އެއީ ގޯހެއް ކަމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އޭރުވެސް ބުނަމުން ދިޔަ އެވެ.
އޭގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ޕެޓިޝަނެއް ހަދާފައި މީދޫ އޮފީހަށް ހުށަހެޅި އެވެ.
ކޮންމެއަކަސް އުތުރު ފަރާތު ނެރު ގޮއްވުމާއި ގުޅިގެން ރަށު ތެރޭގައި މިވަނީ ވާހަކަތައް ގިނަވެފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ، އިދިކޮޅު ފަރާތްތަކުން ތަރައްޤީއަށް ހުރަސް އަޅަނީކަމަށެވެ. ތަރައްގީއަށް ހުރަސް އެޅުމަކީ އެއްވެސް ކޮޅެއްގެ ބަޔަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
ކޮންމެ ސަރުކާރަކުން ކަމެއް ކޮށްދިނަސް އެކަން ބަލައިގަންނަ ބަޔަކަށް ވެގެން ނޫނީ ތަރައްޤީ ހޯދަން އުނދަގޫވާނެއެވެ. ނަމަވެސް މިރަށުގައި މިކަން ހިނގަނީ މިއާއި މުޅިން އިދިކޮޅަށެވެ. ތަރައްޤީއަށް ހުރަސް އެޅުންވެސް އެކި މީހުން މާނަކުރަނީވެސް އެކިގޮތަށެވެ.
ތަރައްގީގެ ކޮންމެ މަޝްރޫއަކާއި ބެހޭ ގޮތުންވެސް ރައްޔިތުން ތަފާތު ވާހަކަ ދައްކާނެއެވެ. އެގޮތުން މިހާރު ހަދަމުންދާ ނެރާއި ގުޅޭގޮތުން ދެގޮތަކަށް ރައްޔިތުންދަނީ ޚިޔާލު ފާޅުކުރަމުންނެވެ.
ސަރުކާރާއި ދެކޮޅު ފަރާތްތަކުން ބުނަމުންދަނީ ނެރު ހަދާއިރު ފަރު ގޮއްވުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ ފަރު ގޮއްވުމާއި ދެކޮޅު މީހުންނަކީ ތަރައްގީއަށް ހުރަސްއަޅާ ބައެއް ކަމަށެވެ. އެހެން ކަމުން ތަރައްޤީއަށް ހުރަސް އެޅުމަކީ ކޮބައިތޯވެސް ބަލާލަން އެބަޖެހެއެވެ.
މައުމޫނުގެ ސަރުކާރުން މީދޫ ސޯޝަލް ސެންޓަރ ސަރުކާރުގެ ދަށަށް ގެންގޮސް މުވައްޒަފުން ލައިގެން އެތަން ބަލަހައްޓައި ހިންގަން އުޅުނީމަ މިއީ އަހަރެމްންގެ ތަނެކޭ ކިޔައި އެކަން ހުއްޓުވީމަ ތަރައްގީއަށް ހުރަސް އެޅުން ކަމަކަށް ނުވިއެވެ.
ޝަމްސުއްދީން ސްކޫލް ގޯތި ތެރޭގައި އޮތް ޗަކަ ބިން ބަރަންވެގެން ފަސް އުފުލި ދުވަހު ފަސް ލޮރީ ހުއްޓިވި ބަޔަކު އެކުރި ކަމަކީވެސް ތަރައްޤީއަށް ހުރަސް އެޅުން ކަމަކަށް ނުވިއެވެ.
ފުޓުބޯޅަ ދަނޑުގައި ރަނގަޅު ފެންވަރުގެ ޓްރެކެއް އަޅައި ލައިޓް ޖެހުމަށް ކައުންސިލުން އިއުލާންކޮށް ބަޔަކާއި ހަވާލުކުރި 1.2 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ހުއްޓުވީމަ ތަރައްޤީއަށް ހުރަސް އެޅުނު ކަމަކަށް ނުވެއެވެ. ސާކް ސަމިޓް ތެރޭގައި ހުޅުމީދޫ ބޮޑު މަގުގައި ޖަހަން ގެނައި ބައްތި ޖަހަންވާނީ މަގު މެދުގައޭ ކިޔައި، އެމަސައްކަތް ހުއްޓުވަމުން ދިޔައިރު ތަރައްގީއަށް ހުރަސް އެޅި ކަމަށްކަށް ނުވިއެވެ.
އަދި ހަމަ އެއާއެކު މިހާރު ހަދަމުން އެދާ ނެރު ހެދުމުގެ މަސައްކަތް ފަށައިގަތްއިރު، ބަޔަކު މީހުން ނިކުމެ ކޯގަންނު ގިރައިގެންދަނީއޭ ކިޔައި އެކަމާ ދެކޮޅު ހެދިއިރު ތަރައްޤީއަށް ހުރަސް އެޅުން ކަމަކަށް ނުވެއެވެ.
މިދެންނެވި ކަންތައްތައް ހުއްޓުވަން ގްރޫޕްތައް ހަދައިގެން އަމަލީގޮތުން ބައިވެރިވެ، ރަށު އޮފީހަށް ވަދެ ހަމަނުޖެހުން ހިންގުމަކީ ތަރައްޤީއަށް ހުރަސް އެޅުން ކަމުގައި ނުބެލެވޭއިރު، ބަޔަކު މީހުން ގޭގައި ތިބެ ފާޅުކޮށްލާ ޝުއޫރަކުން ތަރައްޤީއަށް ހުރަސްއެޅޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނުނެވެ.
މި ސަބަބާހުރެމެ ފަރު ގޮއްވުމާއި ދެކޮޅަށް އިންޓަނެޓްގައި ހަދާފައިވާ ޕެޓިޝަނެއްގައި އަޅގަނޑުވެސް ސޮއި ކޮށްފީމެވެ. ޖިއޮގްރަފީއެއް ޖިއޮލޮޖީއެއް ނޭނގުނަސް ފަރު ގޮއްވުމާއި އަޅުގަނޑު ދެކޮޅެވެ. މިގޮތަށް އަމިއްލަ ޚިޔާލު ފާޅުކުރުމަކީ ތަރައްގީއަށް ހުރަސް އެޅުން ކަމަށްވާނަމަ މިއީ ކޮންކަހަލަ ތަރައްގީއެއްތޯ ސުވާލު އުފެދެއެވެ.
ޑައިނަމައިޓް އަޅައިގެން ފަރު ގޮއްވުމާއި ދެކޮޅަށް އަޅުގަނޑު ފާޅުކޮށްފައިވާ ޚިޔާލާއި މެދު ބަޔަކު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް، ތިޔަ ނެރު ހެދުމަށްޓަކައި އީޕީއޭ އިން ނަގަންޖެހޭ ހުއްދަ ނެގުމަށް ކައުންސިލުން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑު ކުރީމެވެ. އީޕީއޭއަށް ތިޔަ ނެރާއި ގުޅޭގޮތުން މައުލޫމާތުދޭން ދެފަހަރެއްގެ މަތިން މާލެ ދިޔައީމެވެ.
މީގެ އިތުރުން ތިޔަ ނެރު ހަދައި ދޭތޯ ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިވެރިންގެ ގާތު އާދޭސް ކުރީމެވެ. މިގޮތައް ކުރެވުނު މަސައްކަތުގެ ތެރޭގައި ސަރުކާރުގެ ކުންފުންޏަކުން ތިޔަ ނެރުގެ މަސައްކަތް ކޮށްދޭނެ ކަމަށް ބުނެގެން މަސައްކަތް ފަށައި ގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލުން އެެއްލައްކަ ރުފިޔާ ހޯދައި ދިނީމެވެ.
އޭގެ ފަހުން ވިޔަފާރިވެރި އަކު ތިޔަ ނެރުގެ މަސައްކަތްކޮށް ދޭނަމޭ ބުނެގެން ހަދަން ޖެހުނު އީއައިއޭ ރިޕޯޓް ކައުންސިލުން ޚަރަދުކޮށްގެން ހަދާފައި ވާނެ އެވެ. އަޅުގަނޑު އެދެނީ ތިޔަ ނެރު ހަދާފައި ނޫނީ މިފަހަރު މަސައްކަތް ހުއްޓާ ނުލުމަށެވެ.
އެޑިޓަރުގެ ނޯޓް: މިއީ ހުުޅުމީދޫ ކުރީގެ ކައުންސިލަރު ހަސަން ޝާހިދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ އާޓިކަލެވެ. މި ދުވަސްވަރާ ވަރަށް މުނާސަބު އާޓިކަލަކަށް ވާތީ، "އައްޑޫ ލައިވް" ގެ ކިޔުންތެރިންނަށް ގެނެސް ދިނީ އެވެ.