ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފާއި މަޝްހޫރު ފެނަޝް ޑިޒައިނަރު މަނީޝް މަލްއުތުރާ ރާއްޖެ އަތުވެއްޖެ އެވެ.
އެ ދެ މީހުން ރާއްޖެ އައިސްފައި ވަނީ ފެޝަން މެގަޒިންއެއްގެ ޝޫޓިންއަކަށް ކަމަށް އެނގިފައިވެ އެވެ. މަނީޝް ވަނީ ކެޓްރީނާ އާ އެކު މާލޭ އިންޓަނެޝަނަލް އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ވެސް ފޭނުންނާ އިސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
މަނީޝް އަލަށް ރާއްޖެ އައި ނަމަވެސް، ކެޓްރީނާ ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެެވެ.
މަނީޝްއަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރުންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ މިހާތަނަށް 200 އަށް ވުރެ ގިނަ ފިލްމުތަކަށް ކޮސްޓިއުމް ތައްޔާރުކޮށް ދީފަ އެވެ.
މީގެ ތެރޭގައި ހާއްސަކޮށް ހިމެނެނީ ބަތަލާއިންގެ ކޮސްޓިއުމްތަކެވެ.
ކަރަން ޖޯހަރުގެ އެންމެ ފަހުގެ ފިލްމް "އޭ ދިލް ހޭ މުޝްކިލް" ގެ ބަތަލާއިންގެ ކޮސްޓިއުމް ވެސް ތައްޔާރު ކުރީ މަނީޝް އެވެ.
ކެޓްރީނާ އެންމެ ފުރަތަމަ ރާއްޖެ އައީ 2005 ގައި އޭރުގެ ލޯބިވެރިޔާ ސަލްމާން ހާނާ އެކު ކުޅުނު ފިލްމް "މޭނޭ ޕިޔާރު ކިއު ކިޔާ" ގެ ލަވައެއް ޝޫޓް ކުރުމަށެވެ.
އޭނާ އެންމެ ފަހުން ރާއްޖެ އައީ މިހާރު ރުޅިވެފައިވާ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު މިދިޔަ އަހަރު އެވެ.