އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުލުން ނުބޭއްވި ލަސްވާތީ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
އެންމެ ފުރަތަމަ ގުރުލާނެ ކަމަށް ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެ މަސް ނިމިގެން ދިޔަ އިރު އެކަމެއް ނުވި އެވެ. ދެން ހައުސިން މިނިސްޓްރީން ބުނަމުން ދިޔައީ އޮކްޓޯބަރު މަހު ގުރުލާނެ ކަމަށެވެ.
އޮކްޓޯބަރުގައި އެކަމެއް ނުވި އެވެ. ދެން ބުނީ މި މަހުގެ ތެރޭގައި ގުރުލުން ބާއްވައި، ހޮވޭ ފަރާތްތަކާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށެވެ.
އެހެން ނަމަވެސް ނޮވެމްބަރު މަސް މިއޮތް ނިމިގެން ދަނީ އެވެ. ގުރުލުން ބާއްވާނެ ތާރީހެއް ހައުސިން މިނިސްޓްރީން އަދިވެސް އިއުލާނެއް ނުކުރެ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު އޮކްޓޯބަރު މަހު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރުގެ ނިޔަލަށް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ކަމަށެވެ.
ފްލެޓްތަޑް ކުރިމަތިލާން ޖޫން މަހުގެ ތެރޭގައި ހުޅުވާލައި، ޖުލައި މަހު މުއްދަތު ހަމަވި އިރު 500 އަށް ވުރެ ގިނަ ފޯމް ވަނީ ހުށަހަަޅައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފޯމްތަކުގެ އިވެލުއޭޝަންގެ މަސައްކަތްތައް ކުރިއަށް ދެ އެވެ. ހައުސިން މިނިސްޓްރީން ވަނީ ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް އަޅައިފަ އެވެ.
އެހެން ނަމަވެސް ގުރުއަތާ ހަމައަށް ނުދެވި ލަސްވާތީ، ފްލެޓްތަކަށް ފޯމް ހުށަހެޅި ބައެއް ފަރާތްތަކުން އަންނަނީ ވާނުވާ ނޭނގޭތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި ފޭދޫގައި އެޅި ހައުސިން ޔުނިޓްތަކަށް ވެސް މީހުންނަށް ވަދެވޭ ވަރުވީ، އެތަންތަން ނިމިފައި ހުންނަތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.
އޭރު ޔުނިޓްތަކަށޑް ބޮޑެތި ގެއްލުންތަކެއް ލިބި، އަލުން މަރާމާތު ކުރަން ޖެހިފައިވެ އެވެ.
އަލަށްް އެޅި ފްލެޓްތައް ވެސް ދޫނުކުރެވި ލަސްވާ ނަމަ، މި މައްސަަލަ އަނެއްކާ ވެސް ދިމާވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ފްލެޓްތަކަށް ކުރިމަތިލި މީހުން އަންނަނީ ބުނަމުންނެވެ.
"ކޮންމެ މަހަކު ގުރުލާނެ ކަމަށް އެބަ ބުނޭ. އެކަމަކު އެކަން ވާ ގޮތެއް ނުވޭ. އެހެންވެ ދެން ގުރުލުން ބާއްވާނެ ސީދާ ތާރީހެއް ހައުސިން މިނިސްޓްރީން އިއުލާން ކުރަން ޖެހޭ،" ފްލެޓަށް ކުރިމަތިލި މީހަކު ބުންޏެވެ. "ލަސްވަންޏާ ލަސްވާ ސަބަބެއް ވެސް އަންގަން ވާނެ. މިހާރު މި ތިބެނީ ވާނުވާ ނޭނގިފައި."