ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކެއްގައި، އެއާޕޯޓް ވެދާ އިންފޮމޭޝަން ސިސްޓަމް (އަވިސް) ސްޓޭޝަންތަކެއް ގާއިމު ކުރުމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އާއި އެއާޕޯޓްތައް ހިންގާ ކުންފުނިތަކާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
އައްޑޫ އިންޓަނެޝަނަލް އެއާޕޯޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މެޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠޯރިގު އިބްރާހީމެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ސޮއި ކޮށްފައިވަނީ އޭއައިއޭ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)، ރީޖަނަލް އެއާޕޯޓްސް، ޕްރިސްޓީން އައިލޭންޑްސް އިންވެސްޓްމެންޓް ގެ އިިތުރުން ވިލާ އެއާ އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ކޮމްޕެނީ އާ އެކުގަ އެވެ.
އަވިސް ސްޓޭޝަން ހަަރުކުރުމަށް ހަމަޖެހިފައި ވަނީ މީޓިއޮރޮލޮޖިލޮޖިކަލް ސާވިސްގެ ޓެކްނީޝަނުންނެވެ.
ތޯރިގް ވިދާޅުވީ އެއާޕޯޓުތަކުގައި އަވިސް ސިސްޓަމްތައް ހަރު ކުރެވުމުން އެ އެއާޕޯޓަކަށް ޖައްސާ ފްލައިޓްތަކަށް އެވަގުތަކު ބޭނުންވާ މުހިއްމު މޫސުމާ ބެހޭ މައުލޫމާތުތައް ވަގުތުން ފޯރުކޮށް ދެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ މޫސުން ލަފާ ކުރުމަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެވެ.
މިނިސްޓަރު އަދި ވިދާޅުވީ އިޓަލީގެ ސަރުކާރުގެ އެހީއާ އެކު ކަވަރޭޖް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާތްގަނޑަކަށް 3.57 މިލިއަން ރުފިޔާގެ އެކިއުޕްމެންޓް ފޯރުކޮށް ދީފައިވާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.