މީދޫގެ ނެރު ކަނޑަން، ފަރު ގޮއްވުމާ ގުޅިގެން ތިމާވެށީގެ ގޮތުން ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއްތޯ ދިރާސާ ކުރުމަށްޓަކައި އެންވާރަމެންޓް މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތޯރިގް ރާއްޖެ ޓީވީ އަށް ވިދާޅުވީ ފަރު ގޮއްވުމުން ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ފުރަތަމަ ޓީމެއް މީދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި ކުރިއަށް ދުވަސްތަކުގައި ދެ ވަނަ ޓީމެއް ވެސް މީދު އަށް ދާނެ ކަމަށާއި ދިރާސާ ނިމުމުން ފަރު ގޮއްވުމުގެ ސަބަބުން ލިބިފައިވާ ގެއްލުން އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މީދޫ ގެ ނެރު ކެނޑުމަށްޓަކާއި ފަޅު ގޮއްވަން ޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި ފަރު ނުގޮއްވައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފެނޭތޯ އެތައް މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވި އެެވެ.
މިނިސްޓަރު ވިދާޅުވީ ފަރު ގޮއްވާފައި ވަނީ ހަ ފަހަރު މަތިން ކަމަށާއި އަދި އެކަން ކުރީ ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތަކަށް ކަމަށެވެ.