ދިވެހި ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ ގައުމީ ބަތަލެއް ކަމުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގއ.ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ މިއަދު ގައުމާއި ހަވާލުވެ ހުންގާނުގައި ހުންނެވީ ގައުމު ފަޚުރުވެރިވާ ބަތަލެއް ކަމުގައެވެ. އަމިއްލަ ނަފްސުފުޅަށްވުރެ ގައުމު އިސްކުރައްވައި ގައުމީ ހިދުމަތުގައި ގައުމަށް ބޭނުންވާ ކޮންމެ ރޮނގަކުން ދައްކަވަމުން އެމަނިކުފާނު އެގެންދަވަނީ ގައުމީ ބަތަލެއްގެ ގޮތުގައި ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ ކޮންމެ ގައުމެއްވެސް ކުރިއެރުމުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ލީޑާޝިޕެއް އޮވެ ސުލްހަ މަސަލަސްކަން ގާއިމުވެގެންނެވެ. ރައީސް ޔާމީނުގެ ވެރިކަމަށް ބަލާލައިފިނަމަ އެކަން ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ވެރިކަމުގެ ތިންއަހަރުގައި ސުލްހަވެރިކަމާއި އަމަން އަމާން ކަން ގާއިމުކުރުމަށް ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަންވެސް އެމަނިކުނުވަނީ އިތުރުކުރައްވާފައެވެ.
މީގެ އިތުރުން ގައުމެއް ތަރައްގީވުމުގައި ހަމައެކަނި މާލީ ތަނަވަސްކަމަށް ބެލުމަކީ ހަގީގީ ތަރައްގީ ވުން ނޫން ކަމަށާއި ހަގީގީ ތަރައްގީ އަކީ އެބަޔަކު އެބަޔެއްގެ ގޮތުގައި ތަރައްގީ ވެ ކުރިއަރައިގެން ދިއުން ކަމުގައި ނައިބު ރައީސްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.
އެކަކު އަނެކަކަށް ދޭން ޖެހޭ އިހުތިރާމާއި ލޯބި ދީގެން ކާބަފައިން ދިރިއުޅުނު ގޮތަށް އިސްލާމް ދީނަށް ކަމޭ ހިތައި ދީނަށް ބޯލަނބައި ދިރިއުޅުން ދީނުގެ އަސާސް ތަކަށް ބައްޓަން ކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.