Last Updated: March 11, 10:00
Tuesday, March 11, 2025
ރިޕޯޓް

ތަޖާމުލް: ނުވަ އަހަރުގެ ކިކްބޮކްސިން ޗެމްޕިއަނެއް

ފޮޓޯ: އާބިދް ބަޓް

ނޮވެމްބަރު މަހު އިޓަލީގައި ބޭއްވުނު ސަބް-ޖޫނިއާ 'ވޯލްޑް ކިކްބޮކްސިންގް ޗެމްޕިއަންޝިޕް' ކާމިޔާބު ކޮށްފައިވަނީ އުމުރުން އެންމެ ނުވަ އަހަރުގެ ތަޖާމުލް އިސްލާމެވެ.

ތަޖާމުލް އިސްލާމަކީ އިންޑިއާގެ ވެރިކަން އޮންނަ ކަޝްމީރަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ދަނީ މިދިޔަ އަހަރުން ފެށިގެން ޤައުމީ ޗެމްޕިއަންޝަންތައް ކާމިޔާބު ކުރަމުންނެވެ. އަދި މިހާރު އޭނާ ބޭނުންވަނީ އޮލިމްޕިކްސްގައި ބައިވެރި ވުމަށެވެ.

ހަނގުރާމަތައް ހިނގަމުންދާ ކަޝްމީރުގައި ދިރިއުޅޭ ކުޑަކުޑަ ބަޠަލާގެ ދިރިއުޅުމުގެ ފޮޓޯތައް ނަގާފައިވަނީ ފޮޓޯގްރާފަރެއް ކަމަށްވާ އާބިދް ބަޓްއެވެ.

1

މައި ސިޓީ ކަމަށްވާ ސްރީނާގަރްއިން 65 ކިލޯމީޓަރު (40 މޭލު) ދުރުގައި އޮންނަ ބަންޑިޕޯރާގައި އޮންނަ ރަށަކަށް ނިސްބަތްވާ ތަޖާމުލްގެ ބައްޕައަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި ޑްރައިވަރެއް މަސައްކަތް އަދާކުރާ މީހެކެވެ. އޭނާއަށް ކޮންމެ މަހަކު ލިބެނީ އެންމެ 10،000 ރުޕީސްއެވެ. އެއީ ގާތްގަނޑަކަށް 146 އެމެރިކާ ޑޮލަރެވެ.

2

ތަޖާމުލް ކިކްބޮކްސް ކުރުން ފަށާފައިވަނީ ވަރަށް ކުޑައިރެވެ. އަދި މިދިޔަ އަހަރު އޭނާވަނީ ޖައްމޫގައި ބޭއްވުނު ސްޓޭޓް ޗެމްޕިއަންޝިޕްއަކުން ގޯލްޑް މެޑަލް ހޯދާފައެވެ.

2015 ވަނަ އަހަރު ބޭއްވުނު އިންޑިއާގެ ޤައުމީ ކިކްބޮކްސިންގް ޗެމްޕިއަންޝިޕްގައި ތަޖާމުލް ރަން މެޑަލް ހޯދާފައިވަނީ އޭނާއާއިއެކު ވާދަކުރި 13 އަހަރުގެ ކުއްޖަކު ބަލިކޮށްގެންނެވެ.

"އޭނާ (އަހަރެންގެ ވާދަވެރިޔާ) ފެނުމުން އަހަރެން ކުޑަކޮށް ބިރުގަތް. އެކަމަކު ދެން އަހަރެން އަމިއްލަ ނަފްސަށް ބުނެދިނީ އުމުރާއި ހަށިގަނޑުގެ ސްޓްރަކްޗަރަކީ މުހިންމު ކަންކަމެއް ނޫންކަން. އަހަރެން އެކަމަށް ސަމާލުވެގެންހުރެ އަހަންނަށް ވީއެންމެ ރަނގަޅައަކަށް އެކަން ކުރާނަމޭ"، މޮޅުވުމަށްފަހު އޭނާ ބުންޏެވެ.

3

ތަޖާމުލް ކިކްބޮކްސިންގް ފަށާފައިވަނީ 2014 ވަނަ އަހަރު މާޝަލް އާޓްސް ޓްރެއިނިންގް އެކެޑެމީއަކަށް ވަނުމަށް ފަހުއެވެ.

"އަހަރެން ސްޓޭޑިއަމް ކައިރިން ހިނގާފައި ދަނިކޮށް ފެނުނީ ވަރަށް ގިނަ ފިރިހެން އަދި އަންހެން ކުދިން ޓްރެއިނިންގް ކުރާތަން. އެމީހުން ޕަންޗު ކުރާތަނާއި އެއްޗެހި އަހަންނަށް ފެނުނު އަދި އަހަރެން އަހަރެންގެ ބައްޕަ ކައިރީ ބުނިން އަހަރެންވެސް އެތަނަށް ވަންނަން ބޭނުން ވާހަކަ. ދެން ބައްޕަ އަހަރެން އެތަނަށް ލީ"، ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

4

ކޮންމެ ދުވަހަކު އޭނާގެ ބޮކްސިންގް އަންގި ލައްވައިގެން ސޭންޑް ބޭގެއް ބޭނުންކޮށްގެން، ކޯޗް ފައިސަލް އަލީގެ އިރުޝާދުގެ ދަށުން ތަޖާމުލް ފަރިތަކުރެއެވެ.

ކޯޗް އަލީ ބުނާ ގޮތުގައި ބައެއް ފަހަރު ހަފްތާއަކު 25 ގަޑިއިރަށްވެސް ތަޖާމުލް ފަރިތަ ކުރާކަމަށެވެ.

5

ނޮވެމްބަރު މަހުގެ ކުރީކޮޅު ބޭއްވުނު ސަބް-ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްއިން ތަޖާމުލް ވަނީ ފަސް ދުވަހުގެ ތެރޭގައި ހަމެޗުން މޮޅުވެގެން އެމުބާރާތް ކާމިޔާބު ކޮށްފައެވެ.

އެމުބާރާތުގައި 90 ވަރަކަށް ޤައުމް ބައިވެރިވިއިރު، ތަޖާމުލް ވަނީ ޗައިނާ، ޖަޕާން، ފްރާންސް، އިޓަލީ، ކެނެޑާ އަދި އެމެރިކާގެ ބައިވެރިން ބަލިކޮށްފައެވެ.

6

އޭނާ އިޓަލީއިން އެނބުރި ރަށަށް އައުމުން، ތަޖާމުލްގެ އަވަށްޓެރިން ވަރަށް ގިނަ ހަދިޔާއާއިއެކު މަރުހަބާ ކިޔުމަށްފަހު، ތަޖާމުލް އުރައިގެން މުޅި ރަށް ވަށައި ހިނގިއެވެ.

7

މިހާރު އޭނާ ވަނީ ކޮންމެވެސް ވަރެއްގެ ސެލެބްރިޓީއަކަށް ވެފައެވެ. މަގުމަތިން ތަޖާމުލް ފެނުމުން، އޭނާއާއިއެކު ސެލްފީ ނެގުމަށްވެސް މީހުން އެދެއެވެ. އަދި ހަމަ އެހެންމެ ކަޝްމީރުގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ތަޖާމުލްއަކީ ލާމަސީލު މިސާލެކެވެ.

8

ތަޖާމުލްގެ ކުޑަ ފިރިހެން ކޮއްކޮއާއި ދެއަންހެން ކޮއްކޮމެންވެސް ކިކްބޮކްސިންގް ފަރިތަކުރެއެވެ.

"އެއީ އެމީހުންގެ ވިރާސީ ކަމެއް. ހުރިހާ ކުދިންނަކީވެސް ޗެމްޕިއަނުން. އެކަމަކު އެންމެންގެ ތެރެއިންވެސް ތަޖާމުލް އުޅެނީ މާކުރީގައި"، ތަޖާމުލް ކިޔަވަމުން އަންނަ ސްކޫލްގެ ޕްރިންސިޕަލް ޝަބްނަމް ކައުންސާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް މަޢުލޫމާތު ދިނެވެ.

އަދި ބަލާބެލުމަށް ކިތަންމެ ލޯބި، މައުސޫމް އަދި މަޑުމައިތިރިކޮށް ފެނުނު ކަމުގައިވިޔަސް، ތަޖާމުލްއަކީ ވަރަށް ވަރުގަދަ ހަނގުރާމަ ކުރުމުގެ ރޫހެއްގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

9

10

ތަޖާމުލް ކުޅިވަރުގެ މައިދާނުގައި ކުރަމުން އަންނަ މަސައްކަތަށް އޭނާގެ މަންމަ އެންމެ ފުރިހަމައަށް އެއްބާރުލުން ދެއެވެ.

ތަޖާމުލްހާ މޮޅު ޗެމްޕިއަނަކަށް ވުމުގެ ހުވަފެން ދެކޭ އޭނާގެ ކުޑަ ފިރިހެން ކޮއްކޮ އަދްނާން-އަލް-އިސްލާމާއި ތަޖާމުލް އުޅެނީ ވަރަށް ގާތްކޮށެވެ. އަދްނާން އާއިއެކު ކުޅެ އަދި ކޮއްކު އުފާކޮށް ދިނުމަށްޓަކައި އަމިއްލައަށް ބަލިވާ ކަމަށް ދެއްކުމަކީ ތަޖާމުލްގެ އުފަލެކެވެ.

11

އިންޑިއަން އާމީސް ގުޑްވިލް ސްކޫލްގައި ތަޢުލީމް ހާސިލް ކުރަމުން އަންނަ ތަޖާމުލްއަކީ ކިޔެވުމުގައިވެސް ކުލާހުން އެންމެ މަތިން ފާސްވާ ކުއްޖަކަށް ވުމުގެ އިތުރުން، ސްކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާ ކުއްޖެކެވެ.

"އޭނާ ވަރަށް މޮޅަށް ނަށާ. މިތާނގައި އޭނާގެ އަމިއްލަ ޓޭމެއް އޮވޭ އަދި އެޓީމަށް ނަށަން ދަސްކޮށްދޭ. އޭނާއަކީ ވަރަށް މޮޅު ކުއްޖެއް އަދި ކިޔެވުމުގައިވެސް އެހާމެ ރަނގަޅު"، ކައުންސާ ވިދާޅުވިއެވެ.

12

ތަޖާމުލް ބޭނުންވަނީ ޑޮކްޓަރަކާސް ވާންށެވެ.

"އޭގެ އަމިއްލަ ފައިދާތަކެއް ވާނެ. އިދިކޮޅު ވާދަވެރިންގެ ކަށިތައް އެންމެ ފުރަތަމަ ބިންދާލުމަށްފަހު އެމީހުންނަށް ފަރުވާދޭނީ"، ހިނިތުންވެލާފައި ސަމާސާ ރާގަކަށް ތަޖާމުލް ބުންޏެވެ.