މަރަދޫ މަސްވެރިންނަށް ހާއްސަކޮށްގެން އެ އަވަށުގެ ބަނދަރު ސަރަހައްދުގައި މަސްވެރިންގެ ހިޔާއެއް ހަދަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ މަސްވެރިންގެ ހިޔާއަކީ މަސްވެރިން މަޑުކޮށްލާނެ ތަނެއް ގާއިމުކޮށް ދިނުމުގެ ގޮތުން ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
"މަރަދުއަކީ މަސްވެރި ރަށަކަށްވާތީ މަސްވެރިންގެ މިކަހަލަ ހިޔަލަކަށް ބޭނުންވެފައި ތިބީމަ ކައުންސިލުން މިފަދަ ކަމެއް ކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ. "ކުރިން އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ މަސްވެރިން އަމިއްލަ އަށް އިސް ނަގައިގެން މިކަހަލަ ކަމެއް ކުރާނެ ކަމަށް. އެކަމަކު އިސް ނަގާނެ ބަޔަކު ނުވީމަ ކައުންސިލްގެ މި ދައުރު ހަމަވުމުގެ ކުރިން މިކަންކޮށް ދޭން ނިންމީ."
ޕާކިން އޭރިއާއެއް ވެސް ހިމެނޭ ގޮތަށް މަސްވެރިންގެ ހިޔާ ހަދަން ނިންމާފައި ވަނީ މަރަދޫ ފުޓްސަލް ދަނޑު އޮތް ސަރަހައްދުގައި ކަމަށެވެ.
އެތަން މިހާރު ޑިޒައިންކޮށް، މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯދަން އިއުލާން ކުރަން ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ.
"މިތަނާ ބެހޭ ގޮތުން މަސްވެރިންގެ ހިޔާލު ހޯދަން މި ހަފުތާ ބަންދުގައި ކައުންސިލުން މަސްވެރިންނާ ވެސް ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައިވޭ." ޓޮމް ވިދާޅުވި އެވެ. "އަމާޒަކީ މި މަސް ނިމުމުގެ ކުރިން މަސްވެރިންގެ ހިޔާގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުން."
އޭނާ ވިދާޅުވީ މަސައްކަތް ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންގެ ހިޔާ ނިންމައިލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިކަމަށް ހަރަދު ވާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 150،000ރ. އެވެ.
މަރަދޫގައި މަސްވެެރިންގެ ހިޔާއެއް ހަދަން ނިންމާފައިވާ އިރު، އެ އަވަށުގައި ކުރިން ލޯކަލް މާރުކޭޓް ހިންގި އިމާރާތުގައި ހަދަން ނިންމި ފިޝަމޭން ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ފިޝަމޭން އެސޯސިއޭޝަން (އެމްއެފްއޭ) އާ އެވެ.
އެތަން ކައުންސިލުން އެ ޖަމިއްޔާ އާ ހަވާލު ކުރީ އޮގަސްޓް 6، 2015 ގަ އެވެ. އެއީ އޮގަސްޓް 5، 2020 އާ ހަމައަށެވެ.