ކުރިން މަރަދޫގައި ލޯކަލް މާރުކޭޓް ހިންގި އިމާރާތުގައި މަސްވެރިންގެ އިޖްތިމާއީ މަރުކަޒު ގާއިމު ކުރުމަށް މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަން (އެމްއެފްއޭ) އަށް އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދިން ނަމަވެސް މިހާތަނަށް އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަރަދޫ "ކަރަމަތި" ފިހާރަ ކައިރީގައި ހުންނަ އެ އިމާރާތް އެމްއެފްއޭ އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ކައުންސިލާ އެކު ސޮއި ކުރީ އޮގަސްޓް 6، 2015 ގަ އެވެ.
އެތަން އެ ޖަމިއްޔާ އަށް ކުއްޔަށް ދިނީ އޮގަސްޓް 5، 2020 އާ ހަމައަށެވެ.
އެހެން ނަމަވެސް މިހާތަނަށް އައި އިރު، އެތަން ހަވާލު ކުރި މަގުސަދު ހާސިލު ނުވެ، ދިގުލައިގެން ގޮސްފައިވާތީ ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) ވިދާޅުވީ އެމްއެފްއޭ އާ ހަވާލު ކުރި އިމާރާތުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީ އެތަން ހަވާލު ކުރިތާ. އިހުލާސްތެރިކަން ނެތީމަ މަސައްކަތް ނުނިމި މިހާ ބޮޑަށް ލަސްވެގެން ގޮސްފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.
އެމްއެފްއޭ އިން އެހެން މީޑިއާއަކަށް ބުނެފައިވާ ގޮތުގައި މަސްވެރިންގެ މަރުކަޒުގެ މަސައްކަތް ލަސް ވަނީ އެތަނުގައި ފާހާނާ ހަދަން ބޭނުންވި ނަމަވެސް، އެކަން ކުރެވޭނެ ގޮތެއް ހަމަނުޖެހިގެންނެވެ.
އެމްއެފްއޭގެ ޗެއާމަން މައިޒާން އަހުމަދު މަނިކާ ހަވާލާދީ އައްޑޫގެ އެހެން މީޑިއާއަކުން ބުނީ އެ އިމާރާތުގައި ފާހާނާއެއް ހަދަން އިތުރަށް 10 ފޫޓުގެ ބިން ބޭނުންވާ ކަމަށެވެ.
އަދި އެކަމަށް އެދި ހައުސިން މިނިސްޓްރީގެ އައްޑޫ ޔުނިޓަށް ކުރެހުމާ އެކު ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ޓޮމް ވިދާޅުވީ ފާހާނާއެއް އިތުރަށް ބިން ބޭނުންވާ ކަމަށް ގަބޫލު ނުކުރެވޭ ކަަމަށެވެ.
"މިހާރު އެހެރަ އިމާރާތުގައި ވެސް އަދި އިމާާރާތުގެ އިމުގެ ތެރޭގައި ވެސް ފާހާނާއެއް ހަދަން ބޭނުންވާ ނަމަ އެކަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "އިތުރަށް ބިން ބޭނުން ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެތަނަށް ބޭނުން ވަނީ ދިހަ ފޫޓް ފަނަރަ ފޫޓްގެ ބޮޑު ފާހާނާއެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން."
ޓޮމް ވިދާޅުވީ އިމާރާތުގައި ކުރަން ހަވާލު ކުރި ކަންްކަން ނުކޮށް، ތަފާތު އުޒުރުތަކެއް ދެއްކުމަކީ ވެސް ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ.