ސްރީ ލަންކާގެ ސްރީ ލަންކަން އެއާލައިންސް އިން އައްޑޫ ސިޓީގެ ގަމާއި ލަންކާއާ ދެމެދުގައި ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު އެ އެއާލައިނަށް ޓިކެޓު ވިއްކާނެ ޕެސެންޖަރ ސޭލްސް އޭޖެންޓުން ހޯދަން ފަށައިފި އެވެ.
ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ސްރީ ލަންކަންއިން ސޭލްސް އޭޖެންޓުން ހޯދަން ޕްރޮޕޯސަލް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ ގދ، ގއ ގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީގެ ހުޅުމީދޫއަށެވެ.
ސްރީ ލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓަކީ އޭސް އޭވިއޭޝަން ސާވިސްއެވެ. އޭސް އޭވިއޭޝަނުން ވަނީ އައްޑޫ ސިޓީގެ ފޭދޫގައި ސްރީ ލަންކަންގެ އޮފީހެއް ގާއިމުކޮށްފައެވެ.
ސްރީ ލަންކަންގެ ފަރާތުން އައްޑޫ ސިޓީގެ ގަމުން ލަންކާއަށް ސީދާ ދަތުރުތައް ފެށުމުން އޭގެ އެންމެ ބޮޑު މަންފާއެއް ކުރާނީ ދެކުނުގެ ރައްޔިތުންނަށެވެ. އެއާލައިނުން މައުލޫމާތު ދޭގޮތުގައި ދެކުނުގެ އަތޮޅުތަކުން ވީހާވެސް ގިނަ ދަތުރުތަކެއް ހޯދުމަކީ އެމީހުންގެ ލަނޑުދަނޑިއެއް ކަމަށެވެ.