މީދޫގެ ވަށައިގެންވާ މަގު ރަށް ގިރުމުގެ ސަބަބުން ހަނިވެ އެ މަގުން ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާތީ އެ އަވަށުގެ ޒުވާނުންތަކަކާއި މުލިމަތި ޖަމިއްޔާއިން އިސް ނަގައިގެން މަގު ފުޅާ ކުރުމަށް ނިންމައި އެކަމުގައި އައްޑޫ ކައުންސިލްގެ އެހީތެރިކަމަކަށް އެދިއްޖެ އެވެ.
ކައުންސިލާ އެކު މުލިމަތި ޖަމިއްޔާ އިން ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ވަސީމް ބުނީ އެ މަގު ހަނިވެ ދަތުރުފަތުރު ކުރުމުގެ އުދަގުލާ ހެދި އެ މަގު ބޭނުން ކުރަން ވަަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
އަދި އެ ސަރަހައްދުތަކަށް ކުނި އެޅުން ވެސް އާންމުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މަގު ސާފުކޮށް ފުޅާ ކުރުމަށް އެހީތެރިކަން ހޯދުމަށް ހައުސިން މިނިސްޓްރީއާ ވެސް ވާހަކަ ދެކިވިފައިވާ ކަމަށް ވަސީމް ވިދާޅުވި އެވެ.
އެ މަޝްވަރާތަކާ ގުޅިގެން ހައުސިން މިނިސްޓްރީން މަސައްކަތަށް ބޭނުންވާ ފަންނީ ލަފަޔާއި އުޅަނދުތައް ދިނުމަށް އެއްބަސް ވެފައިވާ ކަމަށާއި ނަމަވެސް އުޅަނދުތަކަށް ބޭނުންވާ ތެލާއި ޑްރައިވަރުން ދެވެން ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ވަސީމް ވިދާޅުވި އެވެ.
މުލިމަތި އާ އެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ މުލިމަތި ޖަމިއްޔާ ފަދަ އަމިއްލަ ޖަމިއްޔާތަކުން ޖަމިއްޔާ އަމިއްލަ އަށް އިސް ނަގައިގެން މުޖްތަމައަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި މަސައްކަތް ކުރުމަކީ އެ މަސައްކަތްތަށް ހަވާލުވެފައިވާ އިދާރާތަކަށް ލިބިގެންދާނެ އެހީއެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި އެކަމަށްޓަކައި މުލިމަތި ޖަމިއްޔާ އަށް މޭޔަރު ވަނީ ތައުރީފު ކުރައްވައިފަ އެވެ.