Last Updated: November 28, 13:04
Thursday, November 28, 2024
ރިޕޯޓް

ސިކުނޑީގެ ދުޅަހެޔޮ ކަމަށް ކާންވީ ކޯޗެއް؟

ރަނގަޅު ކާނާ ކެއުމަކީ ބަރުދަން ލުއިކޮށް ދިނުމުގެ އިތުރުން ސިކުނޑިއަށްވެސް ވަރަށް ފައިދާ ހުރި ކަމެކެވެ.

އެމެރިކަން ކެމިކަލް ސޮސައިޓީ (އޭސީއެސް)ގެ އަހަރީ ކޮންފަރެންސްގައި ހާމަ ކުރެވުނު ގޮތުން، ބައެއް ޤުދުރަތީ ކާއެއްޗެއްސަކީ އަލްޒައިމާސް ބައްޔާއި އަދި ޑިމެންޝިއާގެ އެހެނިހެން ވައްތަރުތަކުން ސަލާމަތް ކޮށްދޭ އެއްޗެއްސެވެ.

އެގޮތުން ނިއުޓްރިއެންޓްތަކަކީ ސިކުނޑީގެ ސެލްތައް ދުޅަހެޔޮ ގޮތުގައި ދަމަހައްޓައިދީ އަދި ސިކުނޑިއަށް ގެއްލުންވާފަދަ އިންފްލެމޭޝަންއިން ދުރުކޮށްދޭ އެއްޗެއްސެވެ. ތިރީގައި މިވަނީ ސިކުނޑީގެ ސިއްހަތު ރަނގަޅު ކުރުމުގެ ގޮތުން ކެއުން ރަނގަޅު ބައެއް ބާވަތްތަކެވެ.


* މެޕަލް ސިރަޕް

އަލަށް ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ކެނެޑާއިން ލިބޭ ތާޒާ މެޕަލް ސިރަޕަކީ ސިކުނޑީގެ ސެލްތަކުގައި ހުންނަ ދެވައްތަރެއްގެ ޕްރޮޓީން ކަމަށްވާ ބީޓަ އެމައިލޮއިޑް އަދި ޓޯ ޕެޕްޓައިޑް ނުބައިކޮށް ފަށްޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމަށެވެ. ސެލިއުލާ ޕްރޮޓީންތައް ނުބައިކޮށް ފަށްޖެހުމުން ނުވަތަ އެއްވުމުން، އަލްޒައިމާސްއާއި އެހެނިހެން ސިކުނޑީގެ ބަލިތަކަށް މަގުފަހިކޮށް ދެއެވެ.

* ބްލޫބެރީ

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ބްލޫބެރީ އެކުލެވިގެން ކާއެއްޗެހި ކެއުމުން ޑިމެންޝިއާ އިތުރަށް ގޯސްވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

* އެކްސްޓްރާ ވާޖިން އޮލިވް އޮއިލް (ޒައިތޫނި ތެޔޮ)

މިތެލުގައި ހުންނަ ޤުދުރަތީ ފީނޯލިކް މާއްދާއެއް ކަމަށްވާ އޮލިއޯކެންތަލް އަކީ އަލްޒައިމާސް ބަލި ފެތުރުން ނުވަތަ ޖެހުން ދުރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެމާއްދާ މަސައްކަތް ކުރަނީ އަލްޒައިމާސްއާއި ގުޅިފައިވާ އެތައް ޕެތޮލޮޖިކަލް މަރުހަލާތަކަކަށް އަމާޒް ކޮށްގެންނެވެ.

* ކާކިއުމިން

ދިރާސާއަކުން ދެއްކި ގޮތުގައި، ދުޅަހެޔޮ އުމުރުން ދުވަސްވީ މީހުންނަށް ކާކިއުމިން އެކުލެވިގެންވާ ސަޕްލިމެންޓެއް ދިނުމުން، އެމީހުންގެ ވޯކިންގް މެމޮރީ އަދި ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު އިތުރު ވެގެންދިޔައެވެ.

* ވޮލްނަޓް

މީދާތަކެއްގެ މައްޗަށް ކުރެވުނު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ވޮލްނެޓް ނުކާ މީހުންނާއި އަޅާބަލާއިރު، ޤަވާއިދުން ވޮލްނަޓް ކާމީހުންގެ ހަނދާނާއި، ދަސްކުރުމުގެ ހުނަރުތަކާއި އަދި މޮޓޯ ޑިވެލޮޕްމެންޓް އިތުރަށް ރަނގަޅު ކޮށްދޭ އެއްޗެއް ކަމަށެވެ.

* އަންނާރު ދިޔަ

ބަލިތަކާއި ހަނގުރާމަ ކުރާ ޕޮލިފީނޯލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ އަންނާރު ދިޔައަކީ އަލްޒައިމާސް ބަލި އުފެދުމަށް ހުރަސް އަޅާ އެއްޗެއް ކަމަށް ފަހުގެ ދިރާސާތަކުން ދައްކައިފިއެވެ. އެހެންކަމުން، ދުވާލަކު އެއް އަންނާރު ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.