ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން، ދިވެހި އަންހެނުންގެ މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައި ދިނުމަށް މި މަހު ބާއްވަން ރޭވި "ހީވާގި ކަނބަލުން" މައުރަޒު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފިއެވެ.
އެ މައުރަޒު ކުރިން ބާއްވަން އޮތީ މި މަހުގެ 22-26 އަށެވެ.
"ހީވާގި ކަނބަލުން" އިންތިޒާމް ކުރާ ކޮމެޓީން ބުނީ މައުރަޒު މިހާރު ބާއްވަން މަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 23-27 އަށް ދަރުބާރުގޭގައި ކަމަށެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މައުރަޒު ފަސް ކުރީ ލިބެމުންދާ ތަރުހީބު އިތުރުވެ، މައުރަޒުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުންދާތީ ގިނަ ބަޔަަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
"ހީވާހި ކަނބަލުން" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބައިވެރިވާން އެދޭ ފޯމް ލިބޭނީ މެޑަމް ފާތުންގެ އޮފީހުންނެވެ.
"ހީވާގި ކަނބަލުން" މައުރަޒު ބާއްވަނީ ހަތަރު ކެޓަގަރީއަކުން 21 ގިންތިއެއް ހިމަނައިގެންނެވެ. ކެޓަގަރީތަކަކީ ވަކިވަކި ކަނބަލުން
އަންހެނުންގެ ކޮމިޓީތައް، ކްލަބު ޖަމިއްޔާތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ކަނބަލުންގެ ދާއިރާ އެވެ.
މައުރަޒުގައި ކޮންމެ ކެޓަގަރީއަކުން އަދި މުޅި މައުރަޒުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެ އެވެ.
އެއް ވަނައަށް ހޮވޭ ފަރާތަކަށް 100،000ރ. ، ދެވަނަ އަށް 75،000ރ. އަދި ތިން ވަނަ އަށް 50،000ރ. ވަނީ ހުށަހަޅައިފަ އެވެ.
މުޅި މައުރަޒުން އެއްވަނަ ދެވަނަ އަދި ތިން ވަނައަށްދާ ފަރާތްތަކަށް ރާއްޖެ އަދި ރާއްޖޭން ބޭރުގައި އޮންނަ މިފަދަ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުުރުސަތު ލިބޭނެ އެވެ.