ދުވާލަކު މަދުވެގެން ތިންއޮށް ކަދުރު ކެއުމަށް އަދާކުރާށެވެ. ކަދުރަކީ ވަރަށް ފައިދާހުރި އެއްޗެއްކަން އެންމެންނަށްވެސް އެނގޭއިރު، ކޮންމެ ދުވަހަކު ތިންއޮށް ކަދުރު ކާމީހަކަށް ތިރީގައިވާ ފަސް ފައިދާ ލިބިގެން ދާނެއެވެ.
1. ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުވުން
ކަދުރުގައި ވަރަށް ގިނަ އަދަދަކަށް ސޮލިއުބަލް ފައިބާތައް ހިމެނިގެންވެއެވެ. ސޮލިއުބަލް ފައިވާއަކީ ރަނގަޅު ހަޖަމްކުރުމުގެ ނިޒާމަކަށް ވަރަށް މުހިންމު އެއްޗެކެވެ. އެއީ އޭގެ ސަބަބުން ވަރަށް ގިނަ ފެން ހަޖަމްކުރާ ނިޒާމަށް ނަގައިދީ، ބަނޑުހަރު ވުމުގެ މައްސަލައަށް ހައްލެއް ގެނެސްދޭތީއެވެ. ކަދުރުގައި ހުންނަ ޕޮޓޭސިއަމްއަކީވެސް ބަނޑަށް އުނދަގޫވުމުންނާއި ބޭރަށް ހިނގުމުން ދުރުކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ، ކަދުރަކީ ބަނޑުގައި ހުންނަ ރަނގަޅު ބެކްޓީރިއާތައް އިތުރަށް ވަރުގަދަ ކޮށްދޭ އެއްޗެކެވެ.
2. އެނީމިއާއިން ދުރުކޮށްދިނުމާއި އެނީމިއާއަށް ފަރުވާ ކޮށްދިނުން
އެނީމިއާއަކީ މީހުންގެ ތެރޭގައި ވަރަށް އާންމު މައްސަލައެކެވެ. އެނީމިއާގެ ސަބަބުން މީހާ މާބޮޑަށް ވަރުބަލިވެއެވެ. އެއީ ބޭނުންވާ މިންވަރަށް ލޭނުލިބުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، ކަދުރަކީ ވަރަށް ގިނަ އަދަދަކަށް އަޔަން ހިމެނިގެންވާ އެއްޗަކަށް ވުމުން، އެނީމިއާއަށް ފަރުވާ ކުރުމުގައި އެހީތެރިވެދެއެވެ.
3. ކަށި، ލޭ އަދި ދިފާއީ ނިޒާމުގެ ރަނގަޅު ކޮށްދިނުން
ކަދުރުގައި މެގްނީސިއަމް، މެންގަނީސް އަދި ސެލީނިއަމް ހިމެނެއެވެ. ސެލީނިއަމް ގިނައިން ހުންނަ އެއްޗެހި ކެއުމަކީ ކެންސަރު ޖެހުމުން މީހާ ދުރުކޮށްދޭ ކަމެކެވެ. ހަމަ އެއާއިއެކު، މިތިން މިނަރަލްއަކީ ހަށިގަނޑުގެ ކަށިތަކާއި ލޭ ވަރުގަދަކޮށް ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ އެއްޗެއްސެވެ.
4. ހަކަތަ އިތުރުކޮށްދިނުން
ކަދުރަކީ ގިނަ އަދަދަކަށް ޤުދުރަތީ ހަކުރުތައް ހިމެނިގެންވާ އެއްޗެކެވެ. އޭގެތެރޭގައި ފްރުކްޓޯސް، ސުކްރޯސް އަދި ގްލުކޯސް ހިމެނެއެވެ. އޭގެސަބަބުން ވަރަށް އަވަހަށް ހަކަތަ ބޭނުންވާނަމަ، ކަދުރެއް ކާލުމަކީ ރަނގަޅު ކަމެކެވެ. ފިހާރައިން ގަނެގެން ކާ އެނާޖީ ބާ ކެއުމުގެ ބަދަލުގައި ދެތިން އޮށް ކަދުރު ކާށެވެ. އެއިރުން ހަށިގަނޑަށް މާފައިދާ ކުރާނެއެވެ. އެހެން ފޮނި އެއްޗެހި ކެއުމުން މާގިނައިރެއް ނުވަނީސް މީހާއަށް ވަރުބަލިކަން އިހުސާސް ކުރެވެން ފަށާނެއެވެ. އެހެންނަމަވެސް، ކަދުރުގައި ހުންނަ ފައިބާއަކީ ގިނައިރު ވަންދެން ހަކަތަ ލެވެލް ދަމަހައްޓައިދޭ އެއްޗެކެވެ.
5. ހިތުގެ ސިއްހަތަށް ރަނގަޅުވުން
ކަރުދުގައި ހުންނަ ޕޮޓޭސިއަމްއަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ ކަދުރު ކެއުމުން ރަނގަޅު ނޫން ކޮލެސްޓްރޯލް ކަމަށްވާ ލޯ-ޑެންސިޓީ ލިޕޮޕްރޮޓީން (އެލްޑީއެލް) ކޮލެސްޓްރޯލް ލެވެލްތައްވެސް ދަށްކޮށްދެއެވެ.