Last Updated: November 24, 05:46
Sunday, November 24, 2024
ސިޔާސީ

އެމްޔޫއޯ ހުޅުމީދޫ ޖަލްސާ ރޫޅައެއް ނުލަން: ފުލުހުން

ރޭ ހުޅުމީދޫގައި ބޮޑު މަގުގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާއަށް ހުރަސް އަޅާފައި ނުވާނެ ކަމަށާއި އެ ސަރަހައްދަށް އެއްވި މީހުން ދުރަށް ޖެއްސީ ކޯޓް ހިމެނޭ ސަރަހައްދަކަށް އެއްވުމުން ކަމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ޖަލްސާ ބޭއްވީ ބޮޑު މަގުގައި ހުންނަ ޑރ. ޑީޑީ ކުލިނިކް ކުރިމަތީގަ އެވެ.

އެހެން ނަމަވެސް ޖަލްސާ ފެށިތަނާ ރަޔަޓު ގިއަރުގައި ތިބި ފުލުހުން ގޮޮސް ވަނީ، ޖަލްސާއަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސައި، އެއްވުމުގައި ބޭނުން ކުރަމުން ދިޔަ ޕޯޑިއަމާއި ސައުންޑް ސިސްޓަމްވެސް ދުރަށް ޖައްސައިފަ އެވެ.

ފުލުހުން ބުނީ ޖަލްސާ ބާއްވަމުން ދިޔަ ސަރަހައްދަކީ ހުޅުމީދޫގެ ކޯޓު ހުންނަ ސަރަހައްދު ކަމަށް ވެފައި، ކޯޓު ކައިރިއަށް މީހުން އެއްވެފައި ތިބުމުން އެ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރީ ކަަމަށެވެ. އަދި ކޯޓް ހިމެނޭ ސަރަހައްދަކަށް އެއްވުމަކީ މަނާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް އަދި ޖަލްސާ އަށް ވަޑައިގެން ހުންނެވި މުހައްމަދު ޝިފާޒް ވިދާޅުވީ ފުލުހުންގެ އެ އަމަލަކީ، މިނިވަން އިންތިހާބެއް ބޭއްވުމަށް ރައްޔިތުން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ހިންގި އަމަލެއް ކަމަށެވެ.

"ހުޅުމީދޫގައި ޖަލްސާ ބާއްވަން އެއްވެސް ޖާގައެއް ނުދިނުމުން މި މަގުގަތީގައި އެއްފަރާތުގައި ޕޯޑިއަމް ބަހައްޓައި،" އޭނާ ވިދާޅުވި އެވެ. "އަނެއް ފަރާތުގައި ގޮނޑި އަތުރައި ރައްޔިތުން އެއްވެ ތިއްބާވެސް މިކަމަށް ހަޖަމް ނުކުރެވިގެން މިކަމަށް ހުރަސް އެޅީ،"
ޝިފާޒް ވިދާޅުވީ، އެ އެއްވުމުގައި ސުލްހަވެރިކަން ނަގާލާ އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ޖަލްސާ ފެށިތަނާ ވެސް ފުލުހުން ދިޔައީ، ޖަލްސާ ރޫޅާލާނެ ކަމުގެ އިންޒާރު ދެމުން ކަމަށެވެ.

"ފެށި ވަގުތުގަވެސް ޣައިރު ގާނޫނީ އަމުރުތައް ކުރަމުން ދިޔަ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދިނުމަށް އެ ހުރިހާ އިންޒާރެއް ދެމުން ގެންދިޔަ،" ޝިފާޒް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފަހުން ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީގެ ޑެންޓަލް ކްލިނިކުގެ ގޯތިތެރޭގައި ޕޯޑިއަމް ބަހައްޓައިގެންނެވެ.

އިއްޔެ އިދިކޮޅު އިއްތިހާދުން ވަނީ އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ހިތަދޫގައި ވެހިކަލް ބުރެއް ވެސް ބާއްވައިފަ އެވެ.

އަދި މިހާރު އަންނަނީ އިންތިހާބާ ބެހޭ ކެމްޕޭން މެނޭޖަރުންނަށް ހާއްސަ ވޯކްޝޮޕެއް އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބާއްވަމުންނެވެ.