ރާއްޖެ އިސްލާމްވި ދުވަސް މިއަހަރު ކުލަގަދަކޮށް އައްޑޫގައި ފާހަގަ ކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ ބައްދަލުކޮށް މިހާރު ވަނީ މަޝްވަރާ ވެސްކޮށްފަ އެވެ.
މި އަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ފާހާގަ ކުރުމަށްޓަކައި މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ކައުންޓްޑައުންއެއް މި މަހުގެ 23 ވަނަ ދުވަހު މާލޭގައި ފެށުމަށް ވެސް ވަނީ ރާވައިފަ އެވެ.
ޖަލްސާތައް ހަތަރު ރަށުގައި ވެސް ކުރިއަށް ދާނީ އެއް ޖަލްސާއެއްގެ ގޮތުގައި ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސަލީމް ވިދާޅުވި އެވެ.
އެގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މިޖަލްސާ ލައިވްކޮށް ބޮޑު އެއް ޖަލްސާގެ ގޮތުގައި ގެންދާ އިރު ޖަލްސާ ފައްޓާނީ މާލޭންނެވެ.
ރާއްޖެ އިސްލާމްވިތާ 890 ވަނަ އަހަރުވާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 30 ވަނަ ދުވަހުގެ މަޣްރިބް ނަމާދަށް ފަހު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ޙާއްސަ ދުޢާއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއަށް ފަހު ކޮންމެ ރަށެއްގެވެސް އެންމެ އިސް އިދާރާއަކުން ދިދަ ނެގުމުގެ ޙާއްސަ ރަސްމިއްޔާތެއް އޮންނާނެ އެވެ.
އަދި މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00-11:30 އަށް މިސްކިތްތައް ފޮޅައި ސާފު ކުރުމުގެ ހަރަކާތެއް ވެސް ވަނީ ރާވައި ފައެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ މިނިސްޓްރީ އާ އެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ މިސްކިތްތައް ނުބެލެހެއްޓިވާކަން ފާހަގަކޮށް އެކަންކަން ރަނގަޅުކޮށް ދިނުމަށް އިލްތިމާސް އެދިވަޑައިގެންފަ އެވެ. އަދި ބައެއް މިސްކިތްތަކުގެ ފާހަނާއާއި ވުޟޫ ކުރާ ތަންތަނުގެ ހާލަތު ވަރަށް ގޯސްވެފައިވާކަން ފާހަގަ ކުރެއްވި އެވެ.