ސިޓީ ހޮޓަލެއް ހިންގުމަށް ގަމުގެ ދޫގަސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑީއާ ޕީއެސްއެމަށް ޒަމީރު ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްވީކޭ އޭ 50 އަހަރަށް ހަވާލު ކުރި ދޫގަސް މިހާރު ހުރި ހާލަތުން އައްޑޫގެ ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށެވެ.
އަދި އެތަން ހަލާކުވަމުންދާތީ، އެޓާނީ ޖެނެރަލްގެ ލަފާފުޅު ހޯއްދަވައި، ދޫގަސް އެމްޕީއެލާ ޙަވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ދޫގަސް ވީހާ ވެސް އަވަހަކަށް ސަރުކާރަށް ނަގައި މިވަގުތު އެތަން އެމްޕީއެލާ ހަވާލުކޮށްގެން އެތަން ބެލެހެއްޓޭނެ ގޮތެއް ރާވަމުން ގެންދަވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއްވެސް އޮތުމާ އެކު އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދޭން އި ދޫގަސް ހޮޓެލް ހިންގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ދޫގަސް އެމްޕީއެލާ ހަވާލު ކުރަން އުޅޭ ވާހަކަ މިނިސްޓަރު ޒަމީރު ވިދާޅުވެފައިވާ އިރު، އެމްވީކޭން އެތަން ދެ މިލިއަން ޑޮލަރުގެ ލޯނަކަށް ރަހުނުކޮށްފައި ވާތީ، އެތަން އެހެން ބަޔަކަށް ދިނުން ހުއްޓުވުމުގެ އަމުރަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ސިވިލް ކޯޓުގައި ސެޕްޓެމްބަރު 6، 2016 ގައި ވަނީ އެދިފަ އެވެ.
އެ ބޭންކުން އަމުރު ނެރެދޭން އެދިފައި ވަނީ އެމްވީކޭގެ ފަރާތުން ދޫގަސް ހިންގި އިރު އެތަން ރަހުނުކޮށް ނަގާފައިވާ 2.7 މިލިއަން ޑޮލަރު ނުދައްކައިގެން އެމްވީކޭއާ ދެކޮޅަށް ބީއޯސީން ކުރާ ދައުވާގަ އެވެ.
އެމްވީކޭ އާ ދޫގަސް ހަވާލު ކުރީ ކުރީގެ ނަޝީދުގެ ވެރިކަމުގައި ދެކުނުގެ ދަތުރުގެ ފަތުރުގެ ސަބްސިޑީއެއްގެ ގޮތުގައި 50 އަހަރުގެ މުއްދަތަކަށެެވެ.
އެ ކުންފުންޏަށް އެތަން ދިނުމުން ފަހުން ވަނީ ގޭން އައިލެންޑް ރިޓްރީޓް (ޖީއައިއާރް) ގެ ނަމަށް ބަދަލުކޮށް، ތަނަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.