Last Updated: November 28, 09:47
Thursday, November 28, 2024
ރިޕޯޓް

ބަންދު ކުރި އެއްގަމު މަސް: ނޭވާ ހިއްލުމަށް މަގުފަހިވޭ

ތާޒާ ނޫން، ބަންދުކޮށްފައި ހުންނަ އެއްގަމު މަސް ކެއުމަކީ އެސްތުމާ (ނޭވާހިއްލުން)ގެ މައްސަލަ އިތުރަށް ގޯސްކޮށްދޭ ކަމެއް ކަމަށް ދިރާސާވެރިން ބުނެފިއެވެ.

ހަފްތާއަކު ހަތަރު ޕޯޝަނަށްވުރެ ގިނައިން ކެއުމަކީ ރިސްކެއް ކަމަށް ޖާނަލް ތޮރެކްސްގައި ޝާއިރު ކުރެވުނު ދިރާސާއިން ދައްކައެވެ. އެދިރާސާގައި ފްރާންސްގެ ގާތްގަނޑަކަށް 1،000 ރައްޔިތުން ބައިވެރިވިއެވެ.

ދިރާސާވެރިން ޤަބޫލުކުރާ ގޮތުގައި ސޮސެޖު، ސަލާމީ އަދި ހޭމް ފަދަ ބަންދުކުރި އެއްގަމު މަހުގައި ބޭނުންކުރާ ނައިޓްރައިޓް ނަމަކަށް ކިޔާ ޕްރިޒާވެޓިވްއަކީ ނޭވާލާ ހޮޅިތައް އިތުރަށް ހީނަރު ކުރާ އެއްޗެއް ކަމަށެވެ.

އެހެންނަމަވެސް، މާހިރުން ބުނާގޮތުގައި އެއީ އަދި ސާބިތު ކުރެވިފައިވާ ކަމެއް ނޫންކަމަށާއި އެކަމާއިބެހޭ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ.

އެއް ބާވަތުގެ ކާނާއާއި ބެހޭގޮތުން ކަންބޮޑުވުމުގެ ބަދަލުގައި، ދުޅަހެޔޮ އަދި ތަފާތު ބާވަތްތައް ހިމެނޭ ކެއުންތައް ކެއުމަށް މާހިރުން ލަފާ އަރުވައެވެ.

ޕްރޮސެސްޑް މީޓް ނުވަތަ ބަންދުކުރެވިފައިވާ އެއްގަމު މަހާއި ކެންސަރާއި ގުޅުމެއް ވާކަން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މާހިރުން ބުނާގޮތުގައި ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ދުވާލަކު 70 ގްރާމަށްވުރެ އިތުރަށް ރަތް ނުވަތަ ބަންދުކުރި މަސް ކެއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އެއީ ގާތްގަނޑަކަށް ދުވާލަކަށް އެއް ސޮސެޖާއި ތުނި އެއް ސަލާމީ ފޮތްޗެވެ.