Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ވޯގް އިޓާލިއާގެ އެޑިޓަރު ސޮޒާނީ މަރުވެއްޖެ

ވޯގް އިޓާލިއާގެ އެޑިޓާ އިން ޗީފްގެ މަޤާމުގައި 28 އަހަރު ވަންދެން މަސައްކަތް ކުރި ފްރެންކާ ސޮޒާނީ މަރުވެއްޖެ އެވެ.

އޭނާ މަރުވި އިތރު އުމުރަކީ 66 އަހަރެވެ. އޭނާއަކީ އިޓަލީގެ ފެޝަންގައި ވަރަށް ނަން މަޝްހޫރު މީހެކެވެ.

ކޮންޑެ ނާސްޓޭ އިންޓަނޭޝަނަލްގެ ޗެއާމަން ޖޯނަތަން ނިއުހައުސް ބުނެފައިވާ ގޮތުން ސޮޒާނީއަކީ މިހާތަނަށް މެގެޒިންއެއް ހެދި އެންމެ މޮޅު އެއް އެޑިޓަރެވެ.

މެޑޯނާ، ކާންޔޭ ވެސްޓް އަދި ވިކްޓޯރިއާ ބެކަމްފަދަ މަޝްހޫރު ތަރިންތައް ވަނީ ސޮޒާނީއަށް އިޙްތިރާމް އަދާކޮށްފައެވެ.

ސޮޒާނީ ވޯގް އިޓަލިއާއާއި ހަވާލުވީ 1988 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އޭނާ ވެގެންދިޔައީ ދުނިޔޭގެ ފެޝަންގައި ވަރަށް ވަރުގަދަ ޝަޚްސިއްޔަތަކަށެވެ.

2008 ވަނަ އަހަރު އޭނާ ވަނީ މުޅިންވެސް ކަޅު ނަސްލުގެ މޮޑެލުން ހިމެނޭ "އޯލް ބްލެކް" އިޝޫއެއް ނެރެފައެވެ. މެގަޒިންގެ އެއިޝޫ ވެފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ވަރަށް ބޮޑު ހިޓަކަށެވެ.

ސްޓައިލްއަކީ ކޮބައިތޯ އެއް ފަހަރަކު ސުވާލު ކުރުމުން ސޮޒާނީ ބުނެފައިވަނީ "އަހަންނަށް ހީވަނީ ބޭރަށް ދާއިރު ތިމާމީހާ ހުރިގޮތް ބަލާލުމަށްޓަކައި ހެދުމަށްވުރެ ގިނައިން މީހުން ޖެހެނީ ލޯގަނޑު ގަންނަން ހެން. އެކަމަކު އަހަރެން ވިސްނާ ގޮތުގައި ހެދުން އެމީހެއްގެ ޝަޚްސިއްޔަތާއި ގުޅެން ޖެހޭ. އެއީ ސްޓައިލް އަކީ"، އެވެ.

އިންސާނީ ހައްޤުތަކާއި ބެހޭ ވަރަށް ގިނަ މަސައްކަތްތައްވެސް ސޮޒާނީ ވަނީ އޭނާގެ ޙަޔާތުގައި ކޮށްފައެވެ. އެގޮތުން އދ ގެ ފެޝަންގެ ގުޑްވިލް އެމްބެސެޑަރެއްގެ މަޤާމުގައި ހުރެ އޭނާވަނީ އެފްރިކާ އަދި އޭޝިއާގައި ފެޝަންގައި މަސައްކަތްކުރާ މީހުންނަށް އެއްބާރުލުންދީ، ބަނޑުހައިހޫނުކަން ނައްތާލުމަށްޓަކައި ފައިސާ ހޯދުމުގައިވެސް އެހީތެރިވެ ދީފައެވެ.

ވޯގް ވެބްސައިޓްގައި އެމެރިކާގެ ވޯގް އެޑިޓަރު އޭނާ ވިންޓުއާ ބުނެފައިވާ ގޮތުން ސޮޒާނީއަކީ ވަރަށް މޮޅު އަދި މަޖާ މީހެއް ކަމަށެވެ.

މިމަހުގެ ކުރީކޮޅު ލަންޑަންގައި ބޭއްވި ފެޝަން އެވޯޑްސްގައި ޓޮމް ފޯޑްވަނީ ހެޔޮ ބަދަލަށްޓަކައިދޭ ސްވަރޯސްކީ އެވޯޑް ސޮޒާނީއަށް އަރުވާފައެވެ.