ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން އައްޑޫގައި ހިންގި ޕަބްލިކް އޯޑަ ޓްރެއިނިން ކޯހުގެ 36 ވަނަ ބުރު ނިންމައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ސެޓްފިކެޓް ބައްސަވައި ދެއްވީ ސަދަން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮޮލިސް ޙުސައިން އާދަމެވެ.
ރަސްމިއްޔާތުގައި ޙުސައިން ވިދާޅުވީ ފުލުހުންނަކީ މަސައްކަތުގައި އިޚްލާސްތެރި ބަޔަކަށް ވާންޖެހޭނަ ކަމަށާއި ރައްޔިތުންނާ މުޢާމަލާތް ކުރާ އިރު ރިވެތި ބަހުން މުޢާމަލާތް ކުރުން މުހިއްމު ކަމަށެވެ. އަދި ކޯހުން ލިބުނު ތަމްރީންތައް އޭގެ ހެޔޮ ގޮތުގައި ހިފައިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންނެވި އެވެ.
ނޮވެމްބަރު މަހުގެ 13 މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫގައި ހިންގި ކޯހުގައި ޖުމްލަ 40 ފުލުހަކު ބައިވެރިވެފައިވާ އިރު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައި ވަނީ 39 ފުލުހެކެވެ.
އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި 38 ފިރިހެން ބައިވެރިންނެވެ.
ކޯހުން އެއް ވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕޮލިސް ލ. ކޯޕްރަލް އަޙްމަދު އަސްލަމެވެ.
ކޯހުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިން އާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުން ކުރާ އުކުޅުތައް ކިޔަވައި ދީފައިވެ އެވެ.
އަދި ފުލުހުންނާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭ ގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޓަކްޓާއި އެތިކްސް ކިޔަވައި ދިނުމުގެ އިތުރުން ސިނާރިއޯ އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ކޯހުގައި ކިޔަވައި ދިނީ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރާ މުދައްރިބުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލް މުދައްރިބުންނެވެ.