ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު އަރީފެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރެވެ.
އަރީފް ވިދާޅުވީ މިއެއްބަސްވުން އެކުލަވާލުމުގެ ކުރިންވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ގުޅޭ މަސައްކަތްތައް އިސްލާމިކް މިނިސްޓްރިއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދަވާ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މި މަސައްކަތް އިތުރަށް ހަރުދަނާވެ ކުރިއަށްވުރެ ހަލުއިކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެން ގޮސްފައިވާކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޒިޔާދު ބާޤިރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މުޖުތަމަޢުގެ އަމާންކަމާއި އިސްތިޤުލާލު ހިފެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދެކެވަޑައި ގަންނަވާ ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން ދެފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ އިރު ދީނީ ގޮތުން ހައްދުފަހަނަ އެޅުމާއި އިސްލާމް ދީނާއި ދެކޮޅުވުމުގެ މައްސަލަތަކާއި ގުޅޭ ގޮތުން ލިބޭ މަޢުލޫމާތުތައް ދެފަރާތުގެ މެދުގައި ހިއްސާކުރުމާއި އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ހަމަޖެހިފައިވެ އެވެ.
އަދި މިފަދަ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.