ހުޅުމާލެއިން ގަތް ގޯއްޗެއްގެ މިލްކް ވެރިކަމުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބް ޑރ. ހަސަން ސައީދު އާއި ދެކޮޅަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ކޯޓަށް ދައުވާއެއްް ހުށަހެޅުއްވިނަމަވެސް ޖަމީލްގެ އެއްވެސް ހައްގަކަށް އަރައިގެންފައި ނުވާކަމަށް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
ހަސަން މިއަދު ނެރުނު އާއްމު ބަޔާނެއްގައި ވިދާޅުވީ ދައުވާގައި ބުނާ ގޯތި ހަސަންގެ ނަމަށް ރަޖިސްޓްރީ ކުރީ ޖަމީލުގެ އާއިލީ މެންބަރެއްގެ ނަމުގައި ގަނެފައިވާ އެ ގޯއްޗަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެއްބަސްވުން ބާތިލްކޮށް އެގޯތި އަނބުރާ ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ ގޯއްޗަށް ފައިސާ ދެއްކުމަށް ޖަމީލް އެދިވަޑައިގަތުމުން 2012 ވަނަ އަހަރު އެކަން އެގޮތަށް ކުރުމުން ކަމަށެވެ.
އެދި ގޯތި ގަތުމަށް ހަރަދުކުރީ ޑރ ހަސަން އާއި ޑރ ޖަމީލު ހިއްސާވާ ރާއްޖެ ޗެމްބާސްއިންނާއި ޑރ ހަސަނުގެ އަމިއްލައަށް ފައިސާއިން ކަމަށެވެ. އަދި އެބިމުގައި 10 ބުރީގެ ފައުންޑޭޝަނެއް އަޅާ 4 ބުރީގެ އިމާރާތެއްގެ އެންމެހާ މަސައްކަތް ކުރުވާ އެކަމަށް ކުރަން ޖެހެނު ޚަރަދުގެ ވަރަށް ބޮޑު ބައެއްމެ ކުރީ ހަސަންގެ އަމިއްލަ ފައިސާއިން ކަމަށެވެ.
ހަސަން އާއި ދެކޮޅަށް ޑރ. ޖަމީލް ދައުވާ އުފުލާފައިވަނީ ހުޅުމާލޭގައި ޑރ ހަސަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗަކީ ޑރ. ޖަމީލް ފައިސާ ދައްކައިގެން ގަނެފައިވާ ގޯއްޗެއް ކަމަށާއި އެހެން ކަމުން އެ ގޯއްޗަކީ ޑރ ޖަމީލްގެ ގޯއްޗެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ހުޅުމާލޭ ސިވިލް ކޯޓު ޑިވިޝަނުގައި ތާވަލް ކޮށްފައި ވަނިކޮށް ހަސަން ނެރުނު ބަޔާނުގައި އިތުރަށް ވިދާޅުވީ، ޑރ. ޖަމީލްގެ އެއްވެސް ހައްގަކަށް އަރައިގެންފައި ނުވާނެ ކަމަށާއި އެއްވެސް މީހެއްގެ އެއްވެސް ހައްގަކަށް ނާރާނެކަމަށެވެ.
ހަސަން އާއި ޖަމީލްގެ ގުޅުން ގޯސްވެ އެދެބޭފުޅުން އެކުގައި ހިއްސާވާ ރާއްޖެ ޗެމްބާސްވެސް ވަނީ ރޫޅާލާފައެވެ. ޖަމީލް އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާއިރު ހަސަން ދިރިއުޅުއްވަނީ ރާއްޖޭގައެވެ.