ޓަގް ބޯޓުގެ މައްސަލައިގެ ޤާނޫނީ ފީގެ ގޮތުގައި އެމްޕީއެލް އިން ދޫކުރި 2.9 މިިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ނޫންކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދް ޖުނައިދު ވިދާޅުވެއްޖެއެވެ.
ޖުނައިދު ވިދާޅުވެފައިވަނީ އެމްޕީއެލް އިން ދައްކަން ޖެހޭ ބޮޑު އަދަދެއް ސަލާމަތް ކުރުމަށް އެގާނޫނީ ފީ އަށް 2.9 މިލިއަން ކުންފުނިން ހޭދަކުރުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"މިހާރު ވެސް މިއުޅެނީ 160 މިލިއަން ރުފިޔާ ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަން ޖެހިގެން. އެވަރުގެ އަދަދެއް ސަލާމަތް ކުރުމަށްޓަކައި ގާނޫނީ ފީ އަށް 2.9 މިލިއަން ކުންފުނިން ހޭދަކުރުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ޖުނައިދު އާއި ހަވާލާދީ 'މިހާރު' ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
ޓަގް ބޯޓުގެ މައްސަލައިގައި އެމްޕީއެލްގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައި ހުންނަވާ ރިޒާގެ ލޯފާމުންނެވެ. އެ މައްސަލައިގެ ބައެއް ޝަރީޢަތްތަކަށް ރިޒާ ވަޑައިގެންނެވިއެވެ.
ރިޒާގެ ލޯފާމަށް އެމްޕީއެލް އިން 2.9 މިލިއަން ރުފިޔާ ދެއްކިކަމުގެ ލިޔުމެއް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުސްތަފާ ވަނީ ޓްވިޓަރ ގައި އާންމުކުރައްވާފައެވެ. މުސްތަފާ އާންމުކުރައްވާފައިވާ އެމްޕީއެލްގެ ލެޓަރ ހެޑްގައިވާ "ޕޭމަންޓް އެޑްވައިސް" ގައި ބުނެފައި ރިޒާގެ ލޯފާމަށް ދީފައި ވަނީ "ޕްރޮފެޝަނަލް ޗާޖަސް" ކަމަށެވެ.