އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެ އިންޓަނެޓުގެ ޚިދުމަތަށް ބުރޫއަރަން ފަށައިފިކަމަށް އުރީދޫއިން ހާމަކޮށްފިއެވެ.
މިދިޔަ ހަފްތާއިން ފެށިގެން ކަސްޓަމަރުންނަށް އުރީދޫގެ މޯބައިލް އިންޓަނެޓް އަދި ބްރޯޑްބޭންޑު އިންޓަނެޓު ބޭނުން ނުކުރެވޭ ވަރަށް ލަސްވުން ފަދަ ކަންތައް ދިމާވަމުން އަންނަ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އަދި މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވެފައިވެއެވެ.
އަދި މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ މަދަދު ހޯދަމުންދާކަމަށާއި ވަރަށް އަވަހަށް ކަސްޓަމަރުންނަށް ފުލް ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރެވޭނެކަމަށް ނޫރާ ވިދާޅުވެފައިވެއެވެ.
ޑީޑޮސް އެޓޭކުތަކަކީ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ވަރަށް އާންމުކޮށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. މިފަދަ އެޓޭކުތަކުގެ ސަބަބުން ޚިދުމަތަށް ބާރުބޮޑުވެ ބޭނުންނުކުރެވޭ ވަރަށް ލަސްވެގެންދެއެވެ.