1. އެންޓިއޮކްސިޑެންޓްތައް އިތުރުކޮށްދޭ
ތެލުލައިގެން ކެއުން ރަނގަޅު އެއްޗަކަށް ނުވިނަމަވެސް އަލުވިއަކީ ކެއުން ރަނގަޅު އެއްޗެކެވެ. އެގޮތުން އަލުވީގައި ވަރަށް ގިނަ ނިއުޓްރިއެންޓްއާއި އެންޓިއޮކްސިޑެންޓްތައް ހިމެނިގެންވެއެވެ. އެއީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްތަކާއި ހަނގުރާމަ ކުރާ އެއްޗެހިއެވެ. އެގޮތުން 100 ގްރާމް އަލުވީގައި 1.680 އެންޓިއޮކްސިޑެންޓް ހިމެނެއެވެ.
2. ބްލަޑް ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ
ދޮންކޭލަކީ ޕޮޓޭސިއަމް އެކުލެވިގެންވާ ކަމަށް މަޝްހޫރު މޭވާއެކެވެ. ޕޮޓޭސިއަމްއަކީ ބްލަޑް ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ މިނިރަލްއެކެވެ. ދޮންކޭލުގައި ދުވާލަކަށް ބޭނުންވާ ޕޮޓޭސިއަމްގެ 9% ހިމެނޭއިރު، ފިހުނު އަލުވީގައި އޭގެ ދެގުނައަށް ޕޮޓޭސިއަމް ހިމެނެއެވެ. އެގޮތުން އާދައިގެ އަލުވީގައި 20 އިންސައްތަ ހިމެނޭއިރު ދަނޑިއަލުވީގައި ހިމެނެނީ 12 އިންސައްތައެވެ. އެހެންނަމަވެސް ކެއްކުމުގެ ކުރިން ކިއުބުކޮށް އަލުވި ކޮށާނަމަ އޭގައި ހިމެނޭ ޕޮޓޭސިއަމްގެ އަދަދު 75% މަދުވެއެވެ. އަލުވި ކެއްކުން އެންމެ ރަނގަޅީ ނުނޮޅައި އޭގެ ތޮށިއާއި އެކުއެވެ.
3. ކެންސަރު ސެލްތައް ބޮޑުވުން ހުއްޓައިދޭ
ދަނޑުއަލުވީގެ އޮރެންޖު ކުލައަކީ އޭގައިވާ ބީޓާ-ކެރޮޓީންގެ ސަބަބުން އަންނަ ކުލައެކެވެ. އެހެނިހެން ކެރޮޓިނޮއިޑްތައް ފަދައިން ބީޓާ-ކެރޮޓިން އަކީވެސް ސެލްތައް މުއާސަލާތު ކުރުމަށް އެހީވެދޭ ޖީންއެއް އެކްޓިވޭޓް ކޮށްދޭ އެއްޗެކެވެ. އާދައިގެ ސެލްތައް އަވަށްޓެރި އެހެނިހެން ސެލްތަކުގެ އަޑުއަހާއިރު، ކެންސަރު ސެލްތަކަކީ އެއްވެސް ގޮތަކަށް މުއާސަލާތު ކުރާ ސެލްތަކެއް ނޫނެވެ. ހަވާއީގެ ކެންސާ ރިސާޗް ސެންޓަރުން ހެދި ދިރާސާތަކުން ދެއްކި ގޮތުގައި ސެލްތައް މުއާސަލާތު ކުރުމުގެ ސަބަބުން އާދައިގެ ސެލްތަކުން އާދަޔާއިޚިލާފު ސެލްތައް ބޮޑުވުން ހުއްޓުވައިދޭ ފަދަ ސިގްނަލްތައް ފޮނުވައެވެ. ކެނެޑާގެ ފުޑް ގައިޑް އިން ވަނީ ދުވާލަކު މަދުވެގެން އޮރެންޖު ކުލައިގެ އެއް ތަރުކާރީ ކެއުމަށް ލަފާދީފައެވެ.
4. ކަށިތަކަށް ރަނގަޅު އެއްޗެއް
ހަށިގަނޑުގެ ކަށިތައް ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ވަރަށް ގިނަ ނިއުޓްރިއެންޓްތައް ބޭނުންވެއެވެ. އެހެންނަމަވެސް ސްޕެއިންގައި ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މެންގަނީސް އެކަނިވެސް މީދަލުގެ ކަށިތައް ހަލާކުވުމުން ރައްކާތެރި ކޮށްދެއެވެ. އާދައިގެ އަލުވިއާއި ދަނޑުއަލުވިއަކީ މެންގަނީސް އެކަށީގެންވާ މިންވަރަކަށް އެކުލެވިގެންވާ އެއްޗެހިއެވެ. އެގޮތުން ފިހެފައިވާ މެދު ސައިޒުގެ ދަނޑުއަލުވިއެއްގައި ދުވާލަކަށް ބޭނުންވާ މެންގަނީސްގެ 32% ހިމެނޭއިރު، އާދައިގެ އަލުވިއެއްގައި ހިމެނެނީ އޭގެ 22% އެވެ.
5. ހަކުރު ލެވެލް ކޮންޓްރޯލް ކޮށްދޭ
ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު އާދައިގެ އަލުވިއަށްވުރެ 30 އިންސައްތަ ބޮޑުކޮށް ދަނޑުއަލުވިން ކުޑަކޮށްދެއެވެ. އެއީ އޭގައި ހިމެނޭ ސޮލިއުބަލް ފައިބާގެ ސަބަބުންނެވެ. އެހެންކަމުން ހަކުރު ބަލިއާއިމެދު ކަންބޮޑު ވާނަމަ، އާދައިގެ އަލުވީގެ ބަދަލުގައި ދަނޑުއަލުވި ކާށެވެ.
6. އެންޒައިމްތަކުގެ ސްޕީޑް އަވަސްކޮށްދޭ
އާދައިގެ އަދި ދަނޑުއަލުވި އަކީ ވިޓަމިން ބީ6 ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެހިއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ބީ6ގެ ތެރެއިން ތޮށިއާއިއެކު ފިހެފައިވާ މެދު ސައިޒުގެ އާދައިގެ އަލުވިއެއްގައި 47% ހިމެނޭއިރު، ދަނޑުއަލުވިއެއްގައި ހިމެނެނީ 25% އެވެ. ވިޓަމިން ބީ6 އަކީ ރެޑް ބްލަޑް ސެލްތަކާއި ނާރުގެ ނިޒާމަށް ބޭނުންވާ ބައެއް ކެމިކަލްތައް އުފެއްދުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ 100 އަށްވުރެ ގިނަ އެންޒައިން ރިއެކްޝަންތަކަށް ބޭނުންވާ ވިޓަމިނެކެވެ.