ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުގައި ތިބި ފަރާތްތަކަށް ރައްޔިތުންގެ އިތުބާރު ނުކުރަނީ އެމީހުންގެ ބަހާއި ޢަމަލާއި ދިމާ ނުވާތީއެވެ. ސީދާ ރައްޔިތުންނަށް ގެއްލުން ހުރި ކަންކަން ކުރުމަށް އެމީހުން ޖެހިލުން ނުވާތީއެވެ. ސިޔާސީ މީހުން އަބަދުވެސް ބަލަނީ އެމީހުންނަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. މިއީ ހަމައެކަނި ރާއްޖޭގައި މިކަން ހިނގާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެއީ ރައްޔިތުންނަށް ހަރާންކޯރުވުމަށް ދެއްކޭނެ ޙުއްޖަތެއް ނޫނެވެ.
ހުރިހާ ސިޔާސީ މީހުންގެ ލަވައަކީ، މިއީއެވެ. ތިމަންނާ މެންގެ މަސައްކަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުވަނީ ވެސް ހަމަ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމަށެވެ. އެ ބަދަލަށް ފަހު، އެ ބޭފުޅަކަށް ކުއްލިއަކަށް މިލްކު ކުރައްވާ ބިންތަކާއި ފްލެޓްތަކުގެ ވާހަކަ އަކީ ރާއްޖޭގެ ރައްޔިތުންނަށް އާ ވާހަކައެއް ނޫނެވެ.
މެއި 1 ވަނަ ދުވަހު މާލޭގެ މަގުތަކުން ފެނުނު މަންޒަރުން މަޖުބޫރީ ޙާލަތުގައި ސަރުކާރުން މަޝްވަރާގެ މޭޒު އިޚްތިޔާރު ކުރިއެވެ. ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ފަރާތްތަކުން ވެސް ސަރުކާރާއި ވާހަކަ ދައްކަން އެއްބަސްވިއެވެ.
އެ މަޝްވަރާތަކާއި އެކު ދެން ފެނިގެން ދިޔައީ ސަރުކާރުން ބޭނުންވާ ކަންތައް މަޖިލީހުން ފާސްކުރުމަށް، އެމްޑީޕީ އިން އެހީތެރިވާން ފެށި މަންޒަރެވެ. ޖަލުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު ވެސް ކުއްލިގޮތަކަށް ގޭ ބަންދަށް ބަދަލު ކުރެވުނު ތަނެވެ.
އެ ދުވަސްވަރު ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ދޫކުރިކަމުގެ ލިޔުމެއް ދޫކުރިއެވެ. އެކަން މީޑިޔާތަކަށް ތިލަވީ، ސަރުކާރުން ބޭނުންވި ކަންތައް ޙާސިލްވުމުން އެމްޑީޕީ އަށް ކެހި ދިން ހިސާބުންނެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙާއި، ނައިބު ރައީސްކަމަށް އަދީބު ގެންނަށް އެމްޑީޕީ މަޖިލިސް މެންބަރުންގެ ވޯޓު ލިބުމުން ސަރުކާރުން އެމްޑީޕީ "ފޮޅާލީ"އެވެ. ރައީސް ނަޝީދު ވެސް ޖަލަށް ބަދަލު ކުރީއެވެ.
އެމަނިކުފާނަށް ދޫކުރި ކަމަށް ބުނާ "ގޭބަންދަށް ދޫކުރި ކަމުގެ ލިޔުން" އެއީ ސައްޙަ އެއްޗެއް ނޫން ކަމަށް ވީއެވެ.
ފުލުހުން މިހާރު ވެސް އެއީ އަސްލު ލިޔުމެއްތޯ ބެލުމަށް މަސައްކަތް ކުރަމުން ގެންދާ ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ދޫކުރި ކަމުގެ ލިޔުން ދޫކުރީ އަދީބު އަޑީގައި ހުންނަވައިގެން ކަމަށް ދޭހަވާ ގޮތަށް ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ އާއި އަދީބު ގުޅިގެން މަޝްވަރާކުރެވުނު ވާހަކަ ވެސް މީޑިޔާތަކަށް ތިލަވިއެވެ. އަދީބު ނައިބު ރައީސްކަމަށް ގެންނެވުމަށް ވެސް ވޯޓު ދެއްވި އެމްޑީޕީގެ މަޖިލިސް މެންބަރުން އެކަމާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް ނުދައްކަވައެވެ.
ޤައުމާއި މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ އާއި އަދީބު ގުޅިގެން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ވިދާޅުވި ގޮތުގައި، ދޫދޭން ނުޖެހޭ ދަނޑިވަޅެއްގައި އެމްޑީޕީ ދޫ ދިނުމުގެ ސަބަބުން "މޮމެންޓަމް" ގެއްލުނީ ކަމަށެވެ.
"ސަރުކާރު ހެސްކިޔާފައި ސައިޒުގައި އޮތްވައި، އެމްޑީޕީ އިން ދޫދިނުމުން ވެރިކަން ފުރޮޅާލުމަށް ލިބުނު މޮމެންޓަމް ގެއްލުނީ، އެއްފަހަރަކު އެއް ނޫން، އެތައް ފަހަރަކު ގެއްލިއްޖެ. ދެން މެއި 1ގެ ކްރައުޑް ޖަމާ ކުރުމަކީ ވަރަށް އިމްޕޮސިބްލް ކަމެއް"
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަށް ލިބުން ވެގެން ދިޔައީ، ސަރުކާރާއި ދެކޮޅަށް ނިކުމެ ތިބި ރައްޔިތުން ހިތް "މަރުވި" ކަމަކަށެވެ.
ޤައުމު އިސްލާޙް ކުރަން ނިކުތް، ރައްޔިތުންނަށް ސިޔާސީ ފަރާތްތަކުން ކެހި ދިނުމުން މިއަދު އެމީހުން ތިބީ މާޔޫސް ކަމުގައެވެ. ރައްޔިތުން ޤައުމަށް ބަދަލެއް ގެންނަން ކިތަންމެ ބޭނުންވި ނަމަވެސް، އެމީހުންނަށް އެކަން ފަހި ކޮށްދޭން ތިބި ސިޔާސީ ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތެވެ.
ނުނިމޭ
އިޚްލާސްތެރިކަމެއް ނެތް ސިޔާސީ މީހުން ޑިމޮކްރަސީ މަރާލުން (2) އަންނަ ހަފްތާގެ އާދީއްތަ ދުވަހު ޝާޢިއު ކުރެވޭނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ.