އައްޑޫ ސިޓީ އަކީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެންމެ މުހިންމުކަމެއް ދޭ އެއް ތަން ކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިގޮތަށް ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރެއްވި ޒިޔާރަތުގައި ފެނަކަ ހިތަދޫ ބްރާންޗްގެ އިސް ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް އައްޑޫ އަށް ވަޑައިގެންނެވީ އައްޑޫގައި މަސައްކަތް ކުރާ ފެނަކައިގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ޙަފްލާގައި ފެނަކަ އަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ވަނީ އަރުވާފައެވެ.
ހިތަދޫ މަރުކަޒީ އިންޖީނުގެ އާއި ހުޅުމީދޫ އިންޖީނުގެއަށް ވެސް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ހާލަތު ޝަރީފް ވަނީ ބައްލަވާފައެވެ.
އަދި މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށަށް ފެން ފޯރުކޮށްދިނުމަށް ޤާއިމްކުރަމުންދާ ފެނުގެ ނިޒާމްގެ މަސައްކަތް ހިނގާ ގޮތް ވެސް ޝަރީފް ވަނީ ބައްލަވާފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި ޓާގެޓަކީ، އައްޑޫގެ ފެނުގެ މުޅި ޕްރޮޖެކްޓް ވީހާވެސް އަވަހަކަށް ނިންމުމެވެ.
ޝަރީފްގެ އިތުރުން މި ދަތުރުފުޅުގައި އެކުންފުނީގެ ޗެއާމަން އިޤްބާލް އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.