މިދިޔަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުގެ ރޭ މަރަދޫފޭދޫ އަތިރިމަތީގައި ވަޅުލި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރިކަމަށް ނަރުހުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް ހަސަން ޝިފާއު މިއަދު ވިދާޅުވީ މަރަދޫފޭދޫގެ ހޭޅިފަށުގައި "އެއްޗެއް" ވަޅުލާފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ 9:30 އެހާކަންހާއިރު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ގޮސް ބެލި އިރު، ވިހެއުމަށް ފަހު ނުވަތަ އެބޯޓުކޮށްލުމަށްފަހު އޮތް ތުއްތު ކުއްޖަކު ޓީޝާޓެއްގެ ތެރެއަށްލާ ވަޅުލާފައި އޮތް ކަމަށެވެ.
އަދި ވަގުތުން އެކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ހަށިގަނޑުގައި ވިންދު ހުރި ކަމަށް ތުއްތު ކުއްޖާއާ ފުރަތަމަ ހަވާލުވި ނަރުސް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރު ބެއްލެވި އިރު ކުއްޖާ ވަނީ މަރުވެފައި ކަމަށް ޝިފާއު ވިދާޅުވި އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ މަރަދޫފޭދޫ ފިނިފެންމާގެ އިބްރާހިމް ވިޝާމް، 26، އާއި އަދި ހަމަ އެ ރަށު އައިމިނަތު ޝާހީ އާލާ 20، އެވެ.
މި ދެމީހުންވެސް ވަނީ އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅު ވަޅުލި ކަމަށް ތަހުގީގުގައި އިއުތިރާފްވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބަރުދަނުގައި 22 ގްރާމް އަދި އިސްކޮޅުގައި ހަތް އިންޗި ހުރި ތުއްތު ކުއްޖާ އެބޯޓުކޮށްލާފައި ވަނީ ބަނޑަށް ފަސް މަހުގައި ކަމަށް ޝިފާއު ވިދާޅުވިއެވެ.